"ގްރޭސް އެނަޓޮމީ"ގެ ތަރި އެރިކް ޑޭން އުމުރުން 53 އަހަރުގައި މަރުވެއްޖެ

އައިޝަތު ރުވާ ރިފްޢަތު | 23 ގަޑިއިރު ކުރިން - 20 ފެބްރުއަރީ 2026 04:16
"ގްރޭސް އެނަޓޮމީ"ގެ ތަރި އެރިކް ޑޭން އުމުރުން 53 އަހަރުގައި މިދުނިޔެއާއި އަލްވަދާއު ކިޔައިފި.
"ގްރޭސް އެނަޓޮމީ"ގެ ތަރި އެރިކް ޑޭން އުމުރުން 53 އަހަރުގައި މިދުނިޔެއާއި އަލްވަދާއު ކިޔައިފި.
ޚުލާސާ

އެރިކް މަރުވީ އޭނާ އޭއެލް ބައްޔާއި ހަނގުރާމަކުރަމުން ދާކަން ހާމަކުރިތާ އަހަރެއްވެސް ނުވަނީސް،

މަޝްހޫރު އެމެރިކާގެ އެކްޓަރު އެރިކް ޑޭން، ނުރައްކާތެރި ބައްޔެއް ކަމަށްވާ "އެމިއޯޓްރޯފިކް ލެޓަރަލް ސިކްލެރޯސިސް" އާއި ހަނގުރާމަކުރުމަށްފަހު އުމުރުން 53 އަހަރުގައި މަރުވެއްޖެ އެވެ. އޭނާ މަރުވީ މި ބައްޔާއި ހަގުރާމަ ކުރަމުންދާ ކަން އާންމުކުރިތާ އަހަރެއްވެސް ނުވަނީހެވެ.

އޭއެލްއެސް އަކީ ހަށިގަނޑުގެ މަސްތައް ކޮންޓްރޯލްކުރާ ނާރުތަކަށް ޖެހޭ ނުރައްކާތެރި ބައްޔެކެވެ. މި ބަލީގެ ސަބަބުން މަސްތައް ވާގިނެތި، ހަރަކާތްތެރިވުމަށް ހުރަސްއެޅޭއިރު، މިއީ މިހާތަނަށް ފަރުވާއެއް ހޯދިފައިނުވާ ބައްޔެކެވެ. އާންމުގޮތެއްގައި ބަލި ދެނެގަނެވޭތާ 3 ނުވަތަ 5 އަހަރު ތެރޭގައި ބަލިމީހާ ދުނިޔެއާއި އަލްވަދާއު ކިޔައެވެ.

ކެލިފޯނިއާއަށް އުފަން އެރިކް ޑޭންއަކީ "ގްރޭސް އެނަޓޮމީ" ސިލްސިލާގައި ޑރ. މާކް ސްލޯން ނުވަތަ "ޑރ. މެކްސްޓީމީ" ގެ ރޯލުން ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ތަރިއެކެވެ. މީގެ އިތުރުން އެޗްބީއޯ ގެ "ޔުފޯރިއާ" ގައި ކެލް ޖޭކޮބްސްގެ ރޯލުންވެސް އޭނާގެ ހުނަރުވެރިކަން ވަނީ ފެނިގެންގޮސްފަ އެވެ.

އޭނާއަށް އޭއެލްއެސް ޖެހިފައިވާކަން ހާމަކުރީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހުއެވެ. އޭގެ ފަހުން އޭނާގެ ހަޔާތުގެ ފަހު ދުވަސްތައް ހޭދަކުރީ މި ބައްޔަށް މީހުން ހޭލުންތެރިކުރުވުމަށާއި، ބައްޔާ ގުޅޭ ދިރާސާތަކަށް ފައިސާ ހޯދުމުގެ މަސައްކަތުގަ އެވެ. އޭނާގެ މި ހިތްވަރުގަދަ މަސައްކަތުގެ ސަބަބުން، މި މަހުގެ ކުރީކޮޅު "ޓައިމް" މެގަޒިނުން ހޮވި ސިއްހީ ދާއިރާގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ތެރޭގައިވެސް އޭނާ ހިމެނުނެވެ.

އޭނާގެ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި އެރިކް ވަކިވެފައިވަނީ އޭނާގެ ލޯބިވާ އަނބިމީހާ ރެބެކާ ގޭހާޓް އާއި ދެ އަންހެން ދަރިން ކަމަށްވާ ބިލީ އާއި ޖޯޖިއާގެ ގާތުގައި ކަމަށެވެ.

އެރިކް، އޭނާގެ ފަންނުވެރި ދަތުރު ފެށީ 1993 ވަނަ އަހަރު "ދަ ވޮންޑަރ އިޔާސް" އިންނެވެ. އޭގެ ފަހުން "ޗާމްޑް" އާއި "ދަ ލާސްޓް ޝިޕް" ފަދަ ސިލްސިލާތަކުގެ އިތުރުން "މާލީ އެންޑް މީ" ފަދަ މަޝްހޫރު ފިލްމުތަކުންވެސް އޭނާ ފެނިގެންގޮސްފައިވެ އެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%