ޕުއެރްތޯ ރީކޯގެ އިންގިލާބީ ބަތަލެއްގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމަކުން، މަޝްހޫރު ލަވަކިޔުންތެރިޔާ ބޭޑް ބަނީ ފުރަތަމަ ފަހަރަށް ފިލްމެއްގެ އިސް ރޯލަކުން ފެނިގެންދާން ތައްޔާރުވެއްޖެ އެވެ. "ޕޯޓޯ ރީކޯ" ގެ ނަމުން ނަންދީފައިވާ މި ފިލްމަކީ އުމުރުން 31 އަހަރުގެ ބޭޑް ބަނީގެ އުފަން ގައުމު ކަމަށްވާ ޕުއެރްތޯ ރީކޯއަށް އޮތް ލޯތްބެއްގެ ގޮތުގައި ސިފަކޮށްފައިވާ ފިލްމެކެވެ.
މި ފިލްމު ޑައިރެކްޓް ކުރަނީ "ރެސިޑެންޓޭ" ގެ ނަމުން މަޝްހޫރުވެފައިވާ ރެޕް އާޓިސްޓް ރެނޭ ޕެރޭޒް އެވެ. 2023 ވަނަ އަހަރުން ފެށިގެން ތައްޔާރުވަމުން އަންނަ މި ފިލްމަކީ 19 ވަނަ ގަރުނުގެ ފަހުކޮޅާއި 20 ވަނަ ގަރުނުގެ ކުރީކޮޅުގައި އުޅުނު އިންގިލާބީ ޝަހުސިއްޔަތެއް ކަމަށްވާ ހޯސޭ މަލްޑޮނާޑޯ ރޮމާންގެ ހަޔާތުގެ ބައެއް ހާދިސާތަކުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. "އަގީލާ ބްލަންކާ" (ހުދު ބާޒު)ގެ ނަމުން މަޝްހޫރުވި މަލްޑޮނާޑޯ ރޮމާން އަކީ ޕުއެރްތޯ ރީކޯގައި ސްޕެއިންގެ އިސްތިއުމާރާ ދެކޮޅަށް ހަނގުރާމަކޮށް، ސްޕޭނު ސަރުކާރާއި ދެކޮޅަށް އިސްވެ ހުރެ ތެދުވި ބަތަލެކެވެ.
މި ފިލްމުގައި ބޭޑް ބަނީއާއެކު ހަވިއޭ ބާޑެމް، އެޑްވަަޑް ނޯޓަން އަދި ވީގޯ މޯޓެންސަން ފަދަ ހޮލީވުޑްގެ މަޝްހޫރު ތަރިން ފެނިގެންދާނެ އެވެ. ފިލްމުގެ އެގްޒެކެޓިވް ޕްރޮޑިއުސަރަކީ އޮސްކާ ކާމިޔާބުކޮށްފައިވާ ފިލްމުތައް ކަމަށްވާ "ބާޑްމޭން" އަދި "ދަ ރެވެނަންޓް" ގެ ޑައިރެކްޓަރު އަލެހަންދްރޯ ޖީ އިނާރިޓޫ އެވެ.
މިއީ ބޭޑް ބަނީގެ ކާމިޔާބީގެ އުހުގައި ހުރި ދަނޑިވަޅެއްގައި ލިބުނު ފުރުސަތެކެވެ. އޭނާ ވަނީ މިއަހަރުގެ ގްރެމީ އެވޯޑްސްގައި އަހަރުގެ އެންމެ މޮޅު އަލްބަމްގެ ޝަރަފު ހޯދާފަ އެވެ. އަދި އައިއެފްޕީއައި އިން ބުނާ ގޮތުގައި 2025 ވަނަ އަހަރު ދުނިޔޭގައި ފަސްވަނައަށް އެންމެ މަގުބޫލު އާޓިސްޓަކީ ވެސް ބޭޑް ބަނީ އެވެ. މީގެ ކުރިން އޭނާ ވަނީ "ބުލެޓް ޓްރެއިން" ފަދަ ފިލްމުތަކުގެ ކުދި ރޯލުތަކުން ފެނިފަ އެވެ.










