ރޯދަމަހު ދުވާލު މަގުމަތީގައި ކެއި ދެ ދިވެހިން ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖަހައިފި

އައިޝަތު ރުވާ ރިފްޢަތު | 5 ގަޑިއިރު ކުރިން - 19 ފެބްރުއަރީ 2026 21:58
ކްރިމިނަލް ކޯޓު/ ފޮޓޯ: ޚުލާސާ
ކްރިމިނަލް ކޯޓު/ ފޮޓޯ: ޚުލާސާ
ޚުލާސާ

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 25 އަހަރުގެ ފިރިހެނަކާއި 41 އަހަރުގެ ފިރިހެނެއް.

ރަމަޟާން މަހުގެ ދުވާލުގެ ވަގުތުގައި އާންމު ތަނެއްގައި ކެއި ދެ ދިވެހިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އެމީހުންގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 25 އަހަރުގެ ފިރިހެނަކާއި 41 އަހަރުގެ ފިރިހެނެކެވެ. މިއަދަކީ މިއަހަރުގެ ރޯދަމަހުގެ ދެވަނަ ދުވަސް ކަމަށްވާއިރު، މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ރޯދަމަހުގެ ފުރަތަމަ ދުވަސް ކަމަށްވާ އިއްޔެގެ ވަގުތެއްގަ އެވެ.

ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން، އުމުރުން 25 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ރޯދަމަހު ދުވާލު ގަޑީގައި މަގުމަތީގައި އާންމުންނަށް ފެންނަ ގޮތަށް ޗުއިންގަމް ކައިގެންނެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ބަންދަށް ވަނީ 7 ދުވަހުގެ މުއްދަތެއް ދީފަ އެވެ. އޭނާއަކީ މީގެ ކުރިން ވެސް ބަންދު ރެކޯޑް އޮންނަ މީހެއްކަން ފާހަގަކޮށްފައިވެ އެވެ.

މި މައްސަލައިގައި ދެން ހައްޔަރުކުރި 41 އަހަރުގެ މީހާގެ ބަންދަށް ކޯޓުން ވަނީ 5 ދުވަސް ޖަހާފަ އެވެ. އޭނާއަކީ ވެސް މީގެ ކުރިން ކުށުގެ ރެކޯޑް އޮންނަ މީހެކެވެ.

ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށްވެފައި، އިސްލާމީ އުސޫލުތަކާއި ދިވެހިރާއްޖޭގެ ގާނޫނުތައް ބައްޓަންވެފައިވާ ގޮތުން، ރަމަޟާން މަހުގެ ދުވާލު އާންމު ތަންތަނުގައި ކައިބޮއެ ހެދުމަކީ މަނާ ކަމެކެވެ. މިފަދަ އަމަލުތައް ކުރާ ފަރާތްތަކާ މެދު ފުލުހުން އަބަދުވެސް ފިޔަވަޅު އަޅަމުންދެ އެވެ.

މީގެ ކުރީ އަހަރުތަކުގެ ރޯދަމަސްތަކުގައި ވެސް ދުވާލު ވަގުތު ކައިބޮއެ ހެދި ބައެއް މީހުން ހައްޔަރުކޮށް، ގާނޫނީ ފިޔަވަޅު އަޅާފައިވާކަން ފާހަގަކުރެވެ އެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%