ރޯދަ މަހުގެ ފުރަތަމަ އިހްޔާ ފޯރަމް މިރޭ, ތަގްރީރު ކުރައްވާނީ މިނިސްޓަރު ޝަހީމް

މަރްޔަމް މާޙީ | 12 ގަޑިއިރު ކުރިން - 19 ފެބްރުއަރީ 2026 15:03
މިދިޔަ އަހަރު ކުރިއަށް ގެންދިޔަ އިހްޔާ ފޯރަމްގެ ތެރެއިން--- ފޮޓޯ: މިނިސްޓްރީ
މިދިޔަ އަހަރު ކުރިއަށް ގެންދިޔަ އިހްޔާ ފޯރަމްގެ ތެރެއިން--- ފޮޓޯ: މިނިސްޓްރީ
ޚުލާސާ

މިރޭގެ އިހްޔާ ފޯރަމްގައި ތަގުރީރު ކުރައްވާނީ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު

އިސްލާމިކް މިނިސްޓްރީން އިންތިޒާމްކޮށްގެން ރޯދަ މަހުގެ ރޭތައް އިހްޔާ ކުރުމަށް ކޮންމެ އަހަރަކުވެސް ބާއްވާ އިހްޔާ ފޯރަމްގެ، މި އަހަރުގެ ފުރަތަމަ ފޯރަމް މިރޭ ބޭއްވުމަށް ހަމަޖެހިފައިވާކަން އިސްލާމިކް މިނިސްޓްރީން ހާމަކޮށްފި އެވެ.

މިރޭގެ ފޯރަމްގައި ތަގުރީރު ކުރައްވާނީ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.

އިހްޔާ ފޯރަމްގެ މިރޭގެ މަައުލޫ އަކީ 'ރަމަޟާން މަހުގެ މަތިވެރިކަން' މިއެވެ. އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބާއްވާ މި ފޯރަމް ފަށާނީ މިރޭ 21:30ގައެވެ.

މި ސިލްސިލާ ފޯރަމްތަކުގެ މައިގަނޑު މަގުސަދަކީ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، ބަރަކާތްތެރި ރަމަޟާން މަހުގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި އާންމުންނަށް ފޯރުކޮށްދިނުންކަމަށް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން، މިނިސްޓްރީން ވަނީ މިއަހަރުގެ އިހްޔާ ފޯރަމްތަކަށް ހާޒިރުވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން، ހޮވޭ ނަސީބުވެރިންނަށް އަގުހުރި ހާއްސަ އިނާމުތަކެއް ވެސް ދިނުމަށް ނިންމައިފައެވެ.

މިއަހަރުގެ ރަމަޟާން މަހު މާލޭގެ އިތުރުން, ރާއްޖޭގެ 10 ރަށެއްގައި އިހްޔާ ފޯރަމް ކުރިއަށްގެންދިއުމަށް މިނިސްޓްރީން ވަނީ ނިންމައިފައެެވެ.

މިނިސްޓްރީން ބުނީ މި އަހަރުގެ އިހްޔާ ފޯރަމްތައް ބާއްވާނެ ރަށްތައް ކަނޑައަޅައިފައިވަނީ، އެކަމަށް އެދި ރަށްރަށުގެ ކައުންސިލްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކަށް ބަލައި، އެ ރަށްރަށުގައި މިފަދަ ޕްރޮގްރާމެއް ހިންގުމަށް ހުރި ތައްޔާރީތަކާއި އިންތިޒާމުތަކަށް ބެލުމަށްފަހުގައި ކަމަށެވެ.

އެގޮތުން އިހްޔާ ފޯރަމްތައް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ:

  1. ތިނަދޫ ސިޓީ
  2. ތ. ދިޔަމިގިލި
  3. ގދ. މަޑަވެލި
  4. ގދ. ގައްދޫ
  5. ހއ. އިހަވަންދޫ
  6. ޅ. ނައިފަރު
  7. ކ. ހިންމަފުށި
  8. ކ. ގުރައިދޫ
  9. ލ. މާވަށް
  10. ރ. މީދޫގަ އެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%