މާދަމާއަކީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ.
މިކަން ކަނޑައަޅުއްވާފައިވަނީ ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމަށް ބޭއްވި ރަސްމީ ޖަލްސާގަ އެވެ.
ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމަށް ބޭއްވި ޖަލްސާގައި ހަނދާ ބެހޭގޮތުން ނެރޭ ބަޔާން އިއްވަވަމުން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަބްދުﷲ ސަޢުދާން ވިދާޅުވީ، ރާއްޖެއަށާއި އިސްލާމީ ބޮޑެތި ގައުމުތަކަށް އިތުބާރު ހުރި ފަލަކީ ހިސާބުތަކުން ހަނދު ފެނިފައިވާކަން ކަށަވަރުވެފައވާތީ އާއި، ބޮޑެތި އިސްލާމީ ގައުމުތަކަށް ހަނދު ފެނިފައިވާ ކަމަށް އިތުބާރު ހުރި މަސްދަރުތަކުން ހާމަކޮށްފައިވާތީ މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. މިކަން ކަނޑައާޅާފައިވަނީ، ރާއްޖޭގައި ރަމަޟާން މަހާއި، ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް ކަނޑައާޅާފައިވާ އުސޫލުތަކުގެ މަތިން ކަމަށް މިބަޔާނުގައިވަނީ ބުނެފަ އެވެ.
ރަމަޟާން މަހުގެ ހަނދު ރާއްޖެއަށް ފެންނާނެ ކަމަށް ފަލަކީ ހިސާބުތަކުން ޔަގީންވާތީ، މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަން އިއުލާން ކުރުމުގެ ގޮތުން އެމްއެންޑީއެފްގެ ފަޔަރިން ސްކޮޑުން ވަނީ ބަޑި ޖަހާފަ އެވެ. ރަމަޟާން މަހާއި ގުޅިގެން ސަރުކާރާއި، އަމިއްލަ ފަރާތްތަކުންވަނީ، ރަމަޟާން މަސް ދިރުވާ އާލާކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ރާވާފަ އެވެ.









