ސިނަމާލެ އާއި މާލޭހިޔާ ފްލެޓްތަކުގެ ވެރިންނަށް އެއްލައްކަ ރުފިޔާގެ އިނާޔަތެއް ދެނީ

މުހައްމަދު ޖަމްޝަތު | 18 ގަޑިއިރު ކުރިން - 17 ފެބްރުއަރީ 2026 09:15
މުލިއާގޭގައި އިއްޔެ ހަވީރު ބޭއްވި ބައްދަލުވުން---ފޮޓޯ: ރައީސް އޮފީސް
މުލިއާގޭގައި އިއްޔެ ހަވީރު ބޭއްވި ބައްދަލުވުން---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އިމާރަތްކުރި މި ފުލެޓުތައް މިހާރު ވަނީ ބާވެ ވީރާނާވެފައި

މާލެސިޓީގެ ގަލޮޅު އަވަށުގައި ހުންނަ ސިނަމާލެ އަދި މާލޭހިޔާގެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން، އެ ފްލެޓްތަކުގެ ވެރިފަރާތްތަކަށް އެއްލައްކަ ރުފިޔާގެ އިނާޔަތެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފި އެވެ.

މި ނިންމެވުން އިއުލާނު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލިއާގޭގައި އިއްޔެ ހަވީރު އެ ފްލެޓްތަކުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ. މި ބައްދަލުކުރެއްވުމުގައި ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން ވަނީ ފްލެޓްތަކުގެ ހާލަތާއި، ދައްކަންޖެހޭ ކުއްޔާއި، ޖޫރިމަނާގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ރައީސަށް ހުށަހަޅާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ ސިނަމާލެ 1، 2، 3 އަދި 4 އާއި، މާލެހިޔާ 1 އަދި 2 ގެ ފްލެޓްތަކަށް ފައިސާ ނުދެއްކުމުގެ ސަބަބުން މިހާތަނަށް އަރާފައިވާ ޖޫރިމަނާ އެއްކޮށް މައާފުކޮށްދެއްވުމަށެވެ. މީގެ އިތުރުން، ފްލެޓްތަކުގެ ސްޓްރަކްޗާ ބާވެ ހަލާކުވެފައިވާތީއާއި، އެކަމަށް އެދެވޭ ހައްލެއް ނުލިބި ގިނަ ދުވަސްވެފައިވާތީ، ކޮންމެ ފްލެޓެއްގެ ވެރިފަރާތަކަށް އެއްލައްކަ ރުފިޔާގެ އިނާޔަތެއް ދެއްވުމަށް ވަނީ ހަމަޖައްސަވާފަ އެވެ.

މި އިނާޔަތް ދިނުމުގައި ބަލާނީ ފްލެޓަށް ދައްކަންޖެހޭ ބާކީ ފައިސާގެ މިންވަރަށެވެ. އެގޮތުން، ފްލެޓަށް ދައްކަންޖެހޭ ޖުމުލަ އަދަދު އެއްލައްކަ ރުފިޔާއަށްވުރެ ބޮޑުނަމަ، އެ ފައިސާގެ ތެރެއިން އެއްލައްކަ ރުފިޔާ އުނިކުރެވޭނެ އެވެ. އަދި ދައްކަންޖެހޭ ފައިސާ އެއްލައްކަ ރުފިޔާއަށްވުރެ މަދުނަމަ، އެ މިންވަރެއް މައާފުކުރުމަށްފަހު ބާކީވާ ފައިސާ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދެވޭނެ އެވެ.

މީގެ އިތުރުން، ފްލެޓް މިލްކުކުރުމަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކާ ނިންމާފައިވާ ފަރާތްތަކަށް، 100,000 ރުފިޔާގެ އިނާޔަތް އެއްކޮށް އެ ފަރާތެއްގެ އެކައުންޓަށް ޖަމާކޮށްދެއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފަ އެވެ.


Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%