އޯ ރޯމިއޯ އަށް ފުރަތަމަ ތިން ދުވަހު ދުނިޔޭގެ ބާޒާރުން 45 ކްރޯޑް ރުޕީސް

އައިޝަތު ރުވާ ރިފްޢަތު | 16 ގަޑިއިރު ކުރިން - 16 ފެބްރުއަރީ 2026 11:13
ޝާހިދު ކަޕޫރާއި ތުރިޕްތީ ދިމްރީ މުހިންމު ރޯލުތަކުން ފެންނަ "އޯ ރޯމިއޯ"
ޝާހިދު ކަޕޫރާއި ތުރިޕްތީ ދިމްރީ މުހިންމު ރޯލުތަކުން ފެންނަ "އޯ ރޯމިއޯ"
ޚުލާސާ

މިހާތަނަށް އިންޑިއާގެ ބޮކްސް އޮފީހުން އެކަނި ވެސް މި ފިލްމަށް ޖުމްލަ 27.50 ކްރޯޑް ރުޕީސް (ގްރޮސްކޮށް 33 ކްރޯޑް ރުޕީސް) ލިބިފައިވޭ.

ވިޝާލް ބަރަދްވާޖް ޑައިރެކްޓްކޮށް، މަޝްހޫރު އެކްޓަރު ޝާހިދު ކަޕޫރާއި ތުރިޕްތީ ދިމްރީ މުހިންމު ރޯލުތަކުން ފެންނަ "އޯ ރޯމިއޯ" ރިލީޒްކުރި ފުރަތަމަ ހަފުތާ ބަންދުގައި ދުނިޔޭގެ ބާޒާރުން 45 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދައިފި އެވެ.

ނަދިއަދުވާލާ ގްރޭންޑްސަން އެންޓަޓައިންމަންޓުން ބޮޑު ބަޖެޓަކުން އުފެއްދި މި އެކްޝަން ރޮމޭންޓިކް ތުރިލާ ފިލްމަށް ފުރަތަމަ އާދީއްތަ ދުވަހު އިންޑިއާގެ ބާޒާރުން ލިބިފައިވަނީ 8 ކްރޯޑް ރުޕީސް ކަމަށް ލަފާކުރެވެ އެވެ. ލޯބިވެރިންގެ ދުވަހާ ދިމާކޮށް ފިލްމުގެ ވިޔަފާރި ބޮޑުތަނުން ރަނގަޅުވި ނަމަވެސް، އާދީއްތަ ދުވަހު އާމްދަނީ ވަނީ ގާތްގަނޑަކަށް %30 ދަށަށް ގޮސްފަ އެވެ. މި ދަށްވުމުގެ މައިގަނޑު ސަބަބަކީ އެ ދުވަހު ކުޅެވުނު އިންޑިއާ އާއި ޕާކިސްތާނުގެ ފޯރިގަދަ ކްރިކެޓް މެޗު ކަމަށް ބެލެވެ އެވެ.

މިހާތަނަށް އިންޑިއާގެ ބޮކްސް އޮފީހުން މި ފިލްމަށް ޖުމްލަ 27.50 ކްރޯޑް ރުޕީސް (ގްރޮސްކޮށް 33 ކްރޯޑް ރުޕީސް) ލިބިފައިވާއިރު، ބޭރުގެ މާކެޓްތަކުން 1.3 މިލިއަން އެމެރިކާ ޑޮލަރު (12 ކްރޯޑް ރުޕީސް) ވަނީ ލިބިފަ އެވެ. އެހެންކަމުން، ފުރަތަމަ ތިން ދުވަހު މުޅި ދުނިޔެއިން މި ފިލްމަށް ލިބުނު ޖުމްލަ އާމްދަނީއަކީ 45 ކްރޯޑް ރުޕީސް އެވެ.

ފިލްމީ ދާއިރާގެ ތަޖުރިބާކާރުން ބުނާ ގޮތުގައި، މިއީ މިފަދަ ބޮޑު ބަޖެޓަކުން އުފެއްދި ފިލްމަކަށް ބަލާއިރު އެހާ އުއްމީދީ ނަންބަރެއް ނޫނެވެ. ނަމަވެސް "އޯ ރޯމިއޯ" އަކީ ބިރުވެރި އަދި ތުރިލާ ބައިތަކެއް ހިމެނޭ ފިލްމަކަށް ވެފައި، މިފަދަ ފިލްމުތަކަކީ އާންމުކޮށް ވިޔަފާރީގެ ގޮތުން ކާމިޔާބުވުމުގެ ފުރުސަތު ކުޑަ ފިލްމުތަކެއް ކަމަށް ބެލެވޭތީ، މިއީ އެހާ ގޯސް ނަތީޖާއެއް ނޫނެވެ.

ކުރިއަށް އޮތް މަހު "ދުރަންދަރު: ދަ ރިވެންޖް" ރިލީޒްވުމާ ހަމައަށް ފިލްމުގެ ވިޔަފާރި އެއްވަރެއްގައި ހިފެހެއްޓިއްޖެނަމަ، އެއީ ފިލްމަށް ލިބޭނެ ކުރިއެރުމެކެވެ. މިހާރު އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިފައިވަނީ ހޯމަ ދުވަހާއި ހަފުތާގެ އެހެން ދުވަސްތަކުގައި ފިލްމަށް ލިބޭނެ އާމްދަނީއަށެވެ. އެ ދުވަސްތަކުގައި ވިޔަފާރި ރަނގަޅުވެއްޖެނަމަ، ސިނަމާތަކުން ފިލްމު ނަގާއިރު އެކަށީގެންވާ ޖުމްލަ އާމްދަނީއެއް ލިބުމުގެ ފުރުސަތު އެބައޮތެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%