މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާޕާސަނަކަށް ޓޫރިޒަމް ދާއިރާގެ މަޝްހޫރު ވިޔަފާރިވެރިޔާ ހުސައިން އަފީފު (ޗަމްޕާ އަފީފު) މިއަދު އައްޔަންކޮށްފި އެވެ.
އޭނާ މި މަގާމަށް އައްޔަންކޮށްފައިވަނީ މިއަދު ކުރުނބާ މޯލްޑިވްސްގައި ބޭއްވި މަޓީގެ 36ވަަނަ އަހަރީ ދުވަހުގެ ޖަލްސާގަ އެވެ.
1982 ވަނަ އަހަރު އެ ޖަމިއްޔާ އުފެދުނީއްސުރެ, މަޓީގެ ޗެއާ ޕާސަންގެ މަގާމުގައި ހުންނެވީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީ, އަދި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އެވެ. މި މަގާމު ހުސްވެފައިވަނީ މިދިޔަ އޮގަސްޓު މަހު އެމްޔޫ މަނިކު ނިޔާވުމާ ގުޅިގެންނެވެ.
މީގެ ކުރިން ޗަންޕާ އަފީފު ހުންނެވީ މަޓީގެ ވައިސް ޗެއާޕާސަންގެ މަގާމުގަ އެވެ. އޭނާ އަކީ މަޝްހޫރު ކުންފުންޏެއް ކަމުގައިވާ ކްރައުންގެ ހިއްސާދާރު އަދި ޗެއާޕާސަން ވެސް މެއެވެ.
1982 ވަނަ އަހަރު އުފެދުނު މި ޖަމިއްޔާއަކީ ރާއްޖޭގައި ޓޫރިޒަމް ކުރިއަރުވައި ފުޅާކުރުމުގެ މަގްސަދުގައި އުފެއްދުނު ޖަމިއްޔާއެކެވެ.









