ރަޝިއާގެ ސަރުކާރުން ވަޓްސްއެޕް މަނާކުރިތާ ދެ ދުވަސް ފަހުން ޔޫޓިއުބު ވެސް އެ ގައުމުގައި ބޭނުންކުރުން މަނާކޮށްފި އެވެ.
މިއީ ރަޝިއާގެ ގައުމީ ސަލާމަތަށްޓަކައި އަޅާ ފިޔަވަޅުތަކެއް ކަމަށް ބުނެ، އެ ގައުމުން ވަނީ ޔޫޓިއުބާއި ވަޓްސްއެޕްގެ ވެސް ބޭން ކޮށްފައެވެ. އަދި ރަޝިއާގެ ޑޮމެއިން ނޭމް ސިސްޓަމްގެ ސާވަރުތަކުން ވަނީ މި ސައިޓުތައް އުނިކޮށް, އިންޓަނެއްޓު ބޭނުންކޮށްގެން މި އެޕްތަކަށް ނުވަދެވޭގޮތް ވަނީ ހަދައިފައެވެ.
މީގެ އިތުރުން ރަޝިއާ ސަރުކާރުން އަންނަނީ ޓެލެގްރާމް އާއި ޓިކްޓޮކް އެ ގައުމުގައި ބޭން ކުރުމަށް ވެސް ކެމްޕޭނެއް ހިންގަމުންނެވެ.
ވަޓްސްއެޕް މަނާކުރުމާ ގުޅިގެން އޭގެ ބަދަލުގައި "މެކްސް" ބޭނުންކުރުމަށް އެ ގައުމުގެ ސަރުކާރުން ވަނީ އިރުޝާދު ދީފައެވެ. މެކްސް އަކީ ރަޝިޔާގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމެކެވެ. އެއީ މެސެޖުކުރުމުގެ އިތުރުން ސަރުކާރުގެ ހިދުމަތްތައް ހޯދުމާއި ފައިސާގެ މުއާމަލާތްތައް ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އެޕްލިކޭޝަނެކެވެ.
މި ފިވަޔަޅުތަކާއެކު ގިނަ ފަރާތްތަކުން ބުނަމުން އަންނަނީ މިއީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައި ނެތް ޕްލެޓްފޯމްތައް ހުއްޓުވައި, ސަރުކާރަށް އަމާޒުވާ ފާޑުކިޔުންތައް ހުއްޓުވުމަށް ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ.
ރަޝިއާ-ޔުކްރެއިން ހަނގުރާމައާ ގުޅިގެން ރަޝިޔާގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރަމުންދާއިރު, ޔޫޓިއުބުގެ އިތުރުން އެކްސް، ފޭސްބުކް, އިންސްޓަގްރާމް އަދި ވަޓްސްއެޕް ވެސް ބޭނުން ކުރުން އެ ގައުމުގައި ވަނީ މަނާކޮށްފައެވެ.









