ބަންގްލަދޭޝްގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ގައުމުގެ ނޭޝަނަލިސްޓް ޕާޓީން ހޯދި ކާމިޔާބީއާ ގުޅިގެން، އެ ޕާޓީގެ ލީޑަރު ތާރިގް ރަހްމާނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ދަންނަވައިފި އެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ބަންގްލަދޭޝްގައި ބޭއްވި 13 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ނޭޝަނަލިސްޓް ޕާޓީން ހޯދި ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއަށް ތާރިގް ރަހްމާނަށާއި އެ ޕާޓީން ހޯދި ކާމިޔާބީއަށް ހޫނު މަރުހަބާއެއް ދަންނަވާ ކަމަށެވެ.


ރައީސް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮތް ޒަމާންވީ ގާތް ރަހްމަތްތެރިކަން އިތުރަށް ހަރުދަނާކުރުމަށް ޓަކައި، ބަންގްލަދޭޝްގެ އާ ސަރުކާރާއެކު ގާތުން މަސައްކަތް ކުރެއްވުމަށް އުންމީދު ކުރައްވާ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް އަހަރުތަކުގައި ދެ ގައުމުގެ ގުޅުން އިތުރު ދާއިރާތަކަށް ހަރުދަނާ ކުރެވިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ބަންގްލަދޭޝަކީ ރާއްޖެއާ އަބަދު ވެސް ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެކެވެ.








