މިއަހަރުގެ ރަމަޟާން މަހު 10 ރަށެއްގައި އިހްޔާ ފޯރަމް ކުރިއަށްދާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން ބުނީ މި އަހަރުގެ އިހްޔާ ފޯރަމްތައް ބާއްވާނެ ރަށްތައް ކަނޑައަޅައިފައިވަނީ، އެކަމަށް އެދި ރަށްރަށުގެ ކައުންސިލްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކަށް ބަލައި، އެ ރަށްރަށުގައި މިފަދަ ޕްރޮގްރާމެއް ހިންގުމަށް ހުރި ތައްޔާރީތަކާއި އިންތިޒާމުތަކަށް ބެލުމަށްފަހުގައި ކަމަށެވެ.
އެގޮތުން އިހްޔާ ފޯރަމްތައް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ:
- ތިނަދޫ ސިޓީ
- ތ. ދިޔަމިގިލި
- ގދ. މަޑަވެލި
- ގދ. ގައްދޫ
- ހއ. އިހަވަންދޫ
- ޅ. ނައިފަރު
- ކ. ހިންމަފުށި
- ކ. ގުރައިދޫ
- ލ. މާވަށް
- ރ. މީދޫގަ އެވެ.
މި ސިލްސިލާ ފޯރަމްތަކުގެ މައިގަނޑު މަގުސަދަކީ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، ބަރަކާތްތެރި ރަމަޟާން މަހުގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި އާންމުންނަށް ފޯރުކޮށްދިނުންކަމަށް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
މީގެ އިތުރުން، މިނިސްޓްރީން ވަނީ މިއަހަރުގެ އިހްޔާ ފޯރަމްތަކަށް ހާޒިރުވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން، ހޮވޭ ނަސީބުވެރިންނަށް އަގުހުރި ހާއްސަ އިނާމުތަކެއް ވެސް ދިނުމަށް ނިންމައިފައެވެ.
މީލާދީ ކަލަންޑަރުގައިވާ ގޮތުގައި މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މިމަހުގެ 18 ވަނަ ދުވަހެވެ.









