ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ދުރަންދަރު" ގެ ސީކުއެލް "ދުރަންދަރު 2" ގައި މަޝްހޫރު އެކްޓްރެސް ޔަމީ ގޯތަމް ހާއްސަ ރޯލަކުން ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޔަމީއަކީ މި ފިލްމުގެ ޑައިރެކްޓަރު އަދިތުޔަ ދަރުގެ އަންހެނުންނެވެ. ޔަމީ މިދިޔަ އަހަރު ކުޅުނު ފިލްމު "ހައްގު" ގައި ދެއްކި މޮޅު އެކްޓިންއަށް ގިނަ ބައެއްގެ ތައުރީފު ލިބިފައިވާއިރު، "ދުރަންދަރު" ގެ ފުރަތަމަ ފިލްމަށް ލިބުނު ބޮޑު ކާމިޔާބީއާއެކު އިންޑިއާގެ ނޫސްތަކުން މިދިޔަ އަހަރު ސިފަކޮށްފައިވަނީ އެ "ދެމަފިރިންގެ އަހަރު" ގެ ގޮތުގަ އެވެ.
ޕިންކް ވިލާގެ ރިޕޯޓެއްގައިވާ ގޮތުން، ޔަމީ މިހާރު ވަނީ މި ފިލްމުގައި އޭނާ ކުޅޭ މުހިންމު މަންޒަރުތައް ފަސް ދުވަހުގެ ތެރޭގައި ޝޫޓްކޮށް ނިންމާފަ އެވެ. މި ރޯލަކީ ފިލްމުގެ ވާހަކައިގެ ގޮތުން ވަރަށް މުހިންމު، ބެލުންތެރިން ހައިރާންކޮށްލާ ފަދަ ވަރުގަދަ އެކްޝަން މަންޒަރުތަކެއް ހިމެނޭ ރޯލެއް ކަމަށް މައުލޫމާތު ލިބެއެވެ.
ޔަމީ މީގެ ކުރިން ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ، އަދިތުޔަގެ މި ފިލްމުގެ ސްކްރިޕްޓް އެހާވެސް ފުރިހަމަވުމުން، އެ ސްކްރިޕްޓް ކިޔާލުމުން އޭނާއަކީ ފިރިހެނެއް ނަމައޭ ހިތަށް އެރި ކަމަށެވެ. ޔަމީ އާއި އަދިތުޔަ 2021 ވަނަ އަހަރު ކައިވެނިކުރި ނަމަވެސް، މަސައްކަތުގެ މާހައުލުގައި ދެމީހުންވެސް ވަރަށް ޕްރޮފެޝަނަލް މިންގަނޑުތަކެއް ހިފަހައްޓާ ކަމަށް ޔަމީ ފާހަގަކޮށްފައިވެ އެވެ.
ޔަމީ އެންމެ ފަހުން ފެނުނީ އިމްރާން ހާޝްމީއާއެކު ފިލްމު "ހައްގު" އިންނެވެ. އެ ފިލްމަށް ސިނަމާތަކުގައި މާ ބޮޑު ތަރުހީބެއް ނުލިބުނު ނަމަވެސް، ނެޓްފްލިކްސްގައި ސްޓްރީމް ކުރަން ފެށުމާއެކު ބެލުންތެރިންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.
"ދުރަންދަރު: ދަ ރިވެންޖް" ގެ ނަމުގައި ގެނެސްދޭ މި ފިލްމުގެ ފުރަތަމަ ޓީޒާ މިދިޔަ ހޯމަ ދުވަހު ވަނީ އާންމުކޮށްފަ އެވެ. މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ކުޑަ އީދާ ދިމާކޮށް، އަންނަ މަހުގެ 19 ވަނަ ދުވަހު އެވެ.
ރަންވީރު ސިންގް ލީޑު ރޯލުން ފެންނަ މި ފިލްމުގައި ކިޔައިދެނީ 1999 ވަނަ އަހަރު އިންޑިއަން އެއާލައިންސްގެ ފްލައިޓް އައިސީ-814 ހައިޖެކްކުރި ހާދިސާ އާއި 2001 ވަނަ އަހަރު އިންޑިއާގެ ގާނޫނު ހަދާ މަޖިލީހަށް ދިން ހަމަލާއަށްފަހު، އިންޓެލިޖެންސް ބިއުރޯގެ ޗީފް އަޖޭ ސަންޔާލް (އާރު މަދަވަން) ގެ އިރުޝާދުގެ ދަށުން ޕާކިސްތާނުގެ ޓެރަރިސްޓް ނެޓްވޯކްތައް ނައްތާލުމަށް އިންޑިއާގެ ޒުވާން ޖާސޫސަކު ކުރާ މަސައްކަތްތަކެވެ. ރަންވީރާއެކު މި ފިލްމުގައި ސާރާ އަރްޖުން، އަކްޝޭ ކަންނާ، ސަންޖޭ ދަތު، އާރު މަދަވަން އަދި އަރްޖުން ރާމްޕާލް ފަދަ ތަރިން ފެނިގެންދާނެ އެވެ.
ޖިއޯ ސްޓޫޑިއޯސް އާއި ބީސިކްސް ސްޓޫޑިއޯސް ގުޅިގެން އުފައްދާ މި ފިލްމަކީ "ޔޫރީ: ދަ ސާޖިކަލް ސްޓްރައިކް" ގެ ޑައިރެކްޓަރު އަދިތުޔަ ދަރުގެ އުފެއްދުމެކެވެ. ފިލްމުގެ ދެވަނަ ބައިގައި ފެންނާނީ ފުރަތަމަ ފިލްމުގެ ކުރިންނާއި ފަހުން ހިނގާ މުހިންމު ހާދިސާތަކެކެވެ.










