ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ބާއްވާ ގުރުއަތުލުން، މާދަމާ ރާއްޖޭގެ ހުރިހާ ރަށެއްގައި އެއްވަގުތެއްގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި، މާލެއާއި ސިޓީތައް އަދި އެހެނިހެން ރަށްތަކުގައިވެސް ގުރުއަތުލުން ކުރިއަށްދާނީ މާދަމާ ހެނދުނު 10:00 ގައެވެ. މާލެ ސިޓީގައި ގުރުއަތުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާފަންނުގައި ހުންނަ އިންތިހާބާ ބެހޭ މަރުކަޒު (ކުރީގެ ޑްރަގް ކޯޓު ހިންގި އިމާރާތް) ގައެވެ. އެހެން ރަށްރަށުގައި ގުރުއަތުލުން ކުރިއަށްދާނީ އެ ރަށެއްގެ ކައުންސިލް އިދާރާގައި ނުވަތަ ކައުންސިލުން ކަނޑައަޅާ ތަނެއްގަ އެވެ.
އިލެކްޝަން ކޮމިޝަންގެ އެސިސްޓެންޓް ޑިރެކްޓަރ ވިޝާލް ސަޢީދު ވިދާޅުވީ، ކެންޑިޑޭޓުގެ ބަދަލުގައި އެހެން ފަރާތަކުން ގުރުއަތުލުމަށް އަންނަ ނަމަ، ކެންޑިޑޭޓުގެ ސިޓީއަކާއެކު އަންނަންވާނެ ކަމަށެވެ. ސިޓީގައި އަންނަ މީހާގެ ނަން، އައިޑީ ނަންބަރު، އައިޑީ ކޮޕީ އާއި އަދި ގުރުއަތު ނެގުމަށް އަންނައިރު އައިޑީ ކާޑްގެ އަސްލު ގެންނަންވާނެކަމަށް ވިޝާލް ވިދާޅުވި އެވެ.
މި އިންތިހާބުގައި ނަން އަނބުރާ ގެންދަން ބޭނުންވާ ކެންޑިޑޭޓުންނަށް އެ ފުރުސަތު މާދަމާ ހެނދުނު 10:00 އާ ހަމައަށް އޮންނާނެ އެވެ. ގުރުއަތުލުން ފެށުމާއެކު ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ބަންދުވާނެ ކަމަށްވެސް ކޮމިޝަނުން ބުންޏެވެ. ނަން ތަރުތީބުކޮށް ނިމުމުން، ކެންޑިޑޭޓުންގެ ދާއިމީ ލިސްޓު އިއުލާނު ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.
އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިހާބުގައި ޖުމްލަ 2,994 ކެންޑިޑޭޓުން ވާދަކުރުމަށް ވަނީ ހުށަހަޅާފަ އެވެ. މީގެ ތެރޭގައި 6 ސިޔާސީ ޕާޓީއަކުން ވާދަކުރާ 1,210 ކެންޑިޑޭޓުންނާއި، އަމިއްލަ ގޮތުން ވާދަކުރާ 401 ކެންޑިޑޭޓުން ހިމެނެ އެވެ. މި އިންތިހާބުގައި ރަށު ކައުންސިލްތަކަށް 626 މެންބަރުން އަދި ސިޓީ ކައުންސިލްތަކަށް 52 މެންބަރުން އިންތިހާބު ކުރާނެ އެވެ.
މިފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ޖުމްލަ އަދަދަކީ 294,937 އެވެ. ކައުންސިލަރުންގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށްވެސް ކައުންސިލަރުންގެ އަދަދާ އެއްވަރަށް މެންބަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.










