ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ މުއްދަތަށް ބަދަލު ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ގާނޫނު އަސާސީއަށް ބަދަލު ގެނައުމުގެ މި ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މި ބިލު ދިރާސާ ކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް މިއަދު ފޮނުވުމުން މިއަދުގެ ޖަލްސާގައި މި އިސްލާހު ފާސްކުރުމަށް ވަނީ ވޯޓަށް އަހާފަ އެވެ. މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތެރެއިން 72 މެންބަރުންގެ ވޯޓުންނެވެ. މި ބިލު ފާސްކުރުމަށް މަޖިލީހުގެ ރިޔާސަތު އަބްދުއްރަހީމް އަބްދުﷲ ވެސް ވޯޓު ދެއްވި އެވެ. މި އިސްލާހު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.
ބިލުގައިވާ ގޮތުން މަޖިލީހުގެ އިންތިހާބު ކުރިއަށް އޮތްތަނުގައި ބާއްވާނީ، ގާނޫނު އަސާސީގެ 110 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވާ އިންތިހާބާ އެކުގައެވެ. އަދި މަޖިލީހުގެ އުމުރަކީ، ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަހުގެ މުއްދަތެއް ކަމަށާއި، އެ މުއްދަތު ހަމަވުމުން މަޖިލިސް އުވޭނެ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ.
ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވެގެން މަޖިލިސް އުވުމާއެކު އަލަށް އިންތިހާބުކުރާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ވާނީ، ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ކަމަށްވެސް ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ. އަދި ދެން އެންމެ އަވަހަށް މެންބަރުން ހޮވުމަށް އިންތިހާބެއް ބާއްވަން ވާނީ، އިސްލާހުތަކާ އެއްގޮތަށް ކަމަށްވެސް ވަނީ ބަޔާންކޮށްފަ އެވެ.
މީގެ އިތުރުން މި ހިނގާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އުމުރު 1 ޑިސެމްބަރު 2028 އަށް ހަމަވާނެ ކަމަށާއި، އެ ތާރީހަށް އިންތިހާބު ބާއްވައި މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ޖެހޭނެ ކަމަށްވެސް ގާނޫނު އަސާސީއަށް ގެންނަ އިސްލާހުގައި ވަނީ ބަޔާންކޮށްފަ އެވެ.
މިއާއެކު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރު ވެގެންދާނެ އެވެ. މިހާރު ގާނޫނު އަސާސީގައިވާ ގޮތުން 20 ވަނަ މަޖިލީހުގެ އުމުރު ހަމަވާނީ 2029 ވަނަ އަހަރުގަ އެވެ.
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަކީ، ގިނަ ރައްޔިތުންތަކެއް އެދެމުން އައި ކަމެކެވެ. ދެ އިންތިހާބު އެއްކުރުމުގެ ސަބަބުން ވޯޓުލާ މީހުންގެ އަދަދު އިތުރުވެ، އިންތިހާބުތަކަށް ހޭދަ ކުރަންޖެހޭ ހަރަދު ކުޑަވެގެންދާނެ ކަމަށް ސަރުކާރުން ގަބޫލު ކުރައްވައެެވެ.
ދެ އިންތިހާބުގެ ދޭތެރޭގައި ހޭދަވާ ކުރު މުއްދަތުގެ ސަބަބުން ދައުލަތުން ކުރަންޖެހޭ ހަރަދު ބޮޑުވުމުގެ އިތުރުން، އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުންނާއި، ސިޔާސީ ޕާޓީތަކާއި، ކެންޑިޑޭޓުން އަދި ވޯޓުލާ މީހުންނަށްވެސް ބުރައަކަށް ވެގެންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ ވިދާޅުވެފައެވެ. އެހެންވެ ދެ އިންތިހާބު އެކުގައި ބޭއްވުމަށް ކުރީގެ ސަރުކާރުތަކަށްވެސް ހިޔާލު ހުށަހެޅި ކަމަށް މީގެކުރިން އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފަ އެވެ.










