ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ އާންމު ސަރަހައްދުތަކުގައި ބިދޭސީންނާއި ފަތުރުވެރިން ނިވައިކަން ކުޑަ ހެދުންލައިގެން އުޅޭ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
މި ޕެޓިޝަން ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުން އަލަށް ތައާރަފުކުރި އީ ޕެޓިޝަން ޕޯޓަލް މެދުވެރިކޮށެވެ. އިއްޔެ ހުށަހަޅާފައިވާ މި ޕެޓިޝަނަކީ އޮންލައިންކޮށް މަޖިލީހަށް ހުށަހެޅި ފުރަތަމަ ފެޓިޝަނެވެ.
ޝެއިހް ޒަމްޒަމް ފާރިޝް އިސްވެ ހުށަހެއްޅުވި މި ޕެޓިޝަނުގައި ބުނެފައިވަނީ، އާންމު ތަންތަނުގައި އެފަދަ ގޮތަކަށް އުޅުމުގެ ސަބަބުން އިސްލާމީ އަހުލާގާއި ދިވެހިންގެ ސަގާފީ އަދި އާދަކާދައިގެ އަގުތައް ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. މިއީ ގިނަ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް އޮތް ކަމެއްކަން ފާހަގަކޮށް، މީގެ ސަބަބުން ކުޑަކުދިންނަށް ނޭދެވޭ އަސަރުކޮށް، އެކުދިން އިސްލާމީ ތަރުބިއްޔަތުގެ މަތީގައި ބޮޑުކުރުމަށް ހުރަސްތަކެއް ކުރިމަތިވާ ކަމަށްވެސް ޕެޓިޝަނުގައި ބަޔާންކޮށްފައިވެ އެވެ.
މި މައްސަލަ ހައްލުކުރުމަށްޓަކައި މައިގަނޑު ތިން ކަމަކަށް ޕެޓިޝަނުގައި ވަނީ އެދިފައެވެ. އެއީ:
1. މިހާރު ހުރި ގަވާއިދުތައް ހަރުދަނާކަމާއެކު ތަންފީޒުކުރުން.
2. ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު އަމަލުކުރާނެ އާ ގާނޫނުތަކެއް އެކުލަވާލުން.
3. އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކުރުން.
ގާތްގަނޑަކަށް 150 މީހުންގެ ސޮޔާއެކު ހުށަހެޅި މި ޕެޓިޝަނުގައި ސޮއިކުރުމުގެ ފުރުސަތު މިހާރު ވަނީ އާންމުންނަށް ހުޅުވާލާފަ އެވެ. ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ ރަށްރަށުގައި، ފަތުރުވެރިންނަށް ހާއްސަ ބިކިނީ ބީޗް ފަދަ ވަކި ސަރަހައްދުތަކެއް ކަނޑައަޅާފައި އޮތް ނަމަވެސް، އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ރަށްރަށުގެ ތެރޭގައި އުޅޭ މައްސަލަ އަންނަނީ ތަކުރާރުވަމުންނެވެ.










