އެމެރިކާގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ކަމަށްވާ ސުޕާ ބޯލްގެ މިއަހަރުގެ ހާފް-ޓައިމް ޝޯގައި، މަޝްހޫރު ލަވަކިޔުންތެރިޔާ ބޭޑް ބަނީ ތާރީހީ އަދި ކާމިޔާބު ހުށަހެޅުމެއް ދައްކާލައިފި އެވެ. އާދީއްތަ ދުވަހުގެ ރޭ ސާންތާ ކްލާރާގައި ބޭއްވި މި ޝޯއަކީ، އޭނާގެ އުފަން ބިމަށް ކަމަށްވާ ޕުއެރްޓޯ ރިކޯއަށް އޮތް ލޯތްބާއި، މުޅި އެމެރިކާ ބައްރުގެ ފަޚުރުވެރިކަން ދައްކުވައިދިން ވަރުގަދަ މެސެޖެކެވެ.
14 މިނެޓުގެ މި ފުރިހަމަ ހުށަހެޅުމުގައި ލޭޑީ ގާގާ އާއި ރިކީ މާޓިން ފަދަ ދުނިޔޭގެ ފެންވަރުގެ ފަންނާނުން ބައިވެރިވި އެވެ. މީގެ އިތުރުން ޕެޑްރޯ ޕާސްކަލް، ކާޑީ ބީ، ކެރޯލް ޖީ އަދި ޖެސިކާ އަލްބާ ފަދަ ތަރިން، ޕުއެރްޓޯ ރިކޯގެ ސަގާފީ ގެއެއްގެ ސިފައަށް ފަރުމާކޮށްފައިވާ އޭނާގެ މަޝްހޫރު "ކަސީޓާ" ގެ ބޭރު ފެންޑާގައި ނަށަމުންދިޔަ މަންޒަރު ފެނިގެންދިޔަ އެވެ.
ސްޕޮޓިފައިގެ ހިސާބުތަކުން ދައްކާގޮތުގައި 2025 ވަނަ އަހަރު ދުނިޔޭގައި އެންމެ ގިނައިން އަޑުއެހި ފަންނާނު ކަމަށްވާ 31 އަހަރުގެ މި ލަވަކިޔުންތެރިޔާ ވަނީ، އެމެރިކާގެ ޓީވީން އެންމެ ގިނަ ބަޔަކު ބަލާ ސުޕާ ބޯލްގައި މުޅި ހުށަހެޅުން އިސްޕެނިޝް ބަހުން ހުށަހެޅި ފުރަތަމަ މިއުޒިކީ ފަންނާނުގެ ޝަރަފު ހޯދައި ތާރީހުން ޖާގަ ހޯދާފަ އެވެ. އޭނާ މުޅި ޝޯގައިވެސް އިނގިރޭސި ބަހުން ބުނެފައިވަނީ ހަމައެކަނި "ގޯޑް ބްލެސް އެމެރިކާ" މި ޖުމްލަ އެވެ. އެއަށްފަހު، މެދުތެރޭ އެމެރިކާ، ދެކުނު އެމެރިކާ އަދި އުތުރު އެމެރިކާގެ ގައުމުތަކުގެ ނަންތައް ކިޔަމުންދިޔައިރު، ނަށާ މީހުން ދިޔައީ އެ ގައުމުތަކުގެ ދިދަތައް ހިފައިގެން ހަރަކާތްތެރިވަމުންނެވެ.
އެ މީހުންގެ ފަހަތުގައި ހުރި ބޮޑު ސްކްރީނެއްގައި "ނަފްރަތަށްވުރެ ލޯބީގެ ބާރު މާ ގަދަ" ކަމަށް ލިޔެފައިވެ އެވެ. އަދި ޝޯ ނިންމާލަމުން އޭނާ އަތަށް ނެގި ފުޓްބޯޅައިގައި އިނގިރޭސި ބަހުން "އެންމެން އެކުގައި، އަހަރެމެންނަކީ އެމެރިކާ" މި ޝިއާރު ލިޔެފައިވެ އެވެ. ނަމަވެސް، އަސްލު ނަމުން ނަމަ ބެނީޓޯ އެންޓޯނިއޯ މާޓިނޭޒް އޮކާސިއޯ، މި ޝޯގެ ތެރެއިން އެމެރިކާގެ މިހާރުގެ ސަރުކާރާ ދެކޮޅަށް ސީދާ ސިޔާސީ އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެ އެވެ.
އެހެންނަމަވެސް، މިއަހަރުގެ ސުޕާ ބޯލްއަށް ވަޑައިނުގަންނަވާ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރުތް ސޯޝަލް" ގައި ބޭޑް ބަނީގެ ހުށަހެޅުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ޓްރަމްޕް ވިދާޅުވީ އެއީ "އިންތިހާއަށް ގޯސް، މިހާތަނަށް ފެނުނު އެންމެ ދަށް ފެންވަރުގެ" ޝޯ ކަމަށެވެ. އަދި އެއީ "އެމެރިކާގެ މަތިވެރިކަމަށް ކުރި އިހާނެތްތެރިކަމެއް" ކަމަށާއި، "އެ މީހާ އެ ކިޔާ އެއްޗެއް އެކަކަށްވެސް ފަހުމެއް ނުވޭ" ކަމަށްވެސް ޓްރަމްޕް ލިޔުއްވާފައިވެ އެވެ.
ދާދިފަހުން ގްރެމީ އެވޯޑް ހާސިލުކުރި އޭނާގެ އަލްބަމް "ދެބި ތިރާމާސް ފޯޓޯސް" ނެރުނު ފަހުން އެމެރިކާގެ މައި ބިމުގައި ބޭޑް ބަނީ ދިން މި ފުރަތަމަ ހުށަހެޅުމުގައި، އެމެރިކާގެ ބައެއްގެ ގޮތުގައި އޮންނަ ޕުއެރްޓޯ ރިކޯގެ ސަގާފަތާއި މާހައުލު ވަރަށް ބޮޑަށް ފެނިގެންދިޔައެވެ. އޭނާގެ މަޝްހޫރު ލަވަތައް ކަމަށްވާ "ތިތީ މެ ޕްރެގުންތޯ" އާއި "މޮނެކޯ" ހުށަހަޅައިދިންއިރު، މަންޒަރުތައް ފަރުމާކޮށްފައިވަނީ އޭނާގެ އަމިއްލަ ވަޒަނުގެ ރީތި މަންޒަރުތައް ސިފަވާ ގޮތަށެވެ.
މީގެ އިތުރުން، އާއިލީ ގުޅުންތަކާއި އިންސާނީ އިހުސާސްތައްވެސް މި ޝޯއިން ދައްކުވައިދިނެވެ. ވަކިން ހާއްސަކޮށް، ކަރަންޓު ފޭރާމަކަށް އަރައި ހުރެ ރެޕް ކުރި މަންޒަރަކީ 2017 ވަނަ އަހަރު ޕުއެރްޓޯ ރިކޯއަށް ކުރިމަތިވި "ހަރިކޭން މާރިއާ" ތޫފާނުގައި ހަލާކުވި އިންފްރާސްޓްރަކްޗާ އާއި، އެ ހާދިސާގައި މަރުވި މީހުންގެ ހަނދާން އާކޮށްދިން އަސަރުގަދަ މަންޒަރެކެވެ. ބޭޑް ބަނީ ލައިގެން ހުރި ހެދުމުގައި ޖަހާފައިވާ "64" ނަންބަރަކީ، އެ ތޫފާނުގައި މަރުވި މީހުންގެ ރަސްމީ އަދަދު ކަމަށް ބެލެވެ އެވެ. ނަމަވެސް، ހަގީގަތުގައި މަރުވި މީހުންގެ އަދަދު އެތައް ހާހަކަށް އަރާނެ ކަމަށް ލަފާކުރެވޭއިރު، އެ ދުވަސްވަރު ޓްރަމްޕްގެ ސަރުކާރުން އެކަށީގެންވާ އެހީތެރިކަން ފޯރުކޮށްދީފައި ނުވާތީ ގިނަ ބައެއްގެ ފާޑުކިޔުން މީގެ ކުރިން ވަނީ އަމާޒުވެފަ އެވެ.
މިދިޔަ ހަފުތާގެ ގްރެމީ އެވޯޑްސްގައި އިމިގްރޭޝަން އޮފިސަރުންނާ ދެކޮޅަށް ވާހަކަ ދެއްކުމަށްފަހު، މި ޝޯގައި ސީދާ ސިޔާސީ ފާޑުކިޔުމެއް ނެތުމުން ބައެއް މީހުން ހައިރާންވި ނަމަވެސް، އޭނާގެ މުޅި ހުށަހެޅުމުން ދޭހަވަނީ އެއްބައިވަންތަކަމާއި އިންސާފަށް ކުރާ އުންމީދެވެ. މި ޝޯއަކީ ކުޅިވަރުގެ ދުނިޔޭގައި ބޭއްވޭ އެންމެ ބޮޑު މައިދާނުގައި، ލެޓިން ސަގާފަތުގެ މުއްސަނދިކަން ދައްކުވައިދިން ތާރީހީ ހަރަކާތެކެވެ.










