ނިމިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖެއިން ބޭރުކުރި މަހުގެ އެކްސްޕޯޓުން ދައުލަތަށް 123 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހާމަކޮށްފި އެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް މަހުގެ އެކްސްޕޯޓުން ދައުލަތަށް 123 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ. 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް މަހުގެ އެކްސްޕޯޓުން ލިބިފައިވަނީ 76 މިލިއަން ޑޮލަރެވެ. އެހެންކަމުން، މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއަކީ 2024 ވަނަ އަހަރަށް ވުރެ 62 އިންސައްތަ އިތުރު އަދަދެކެވެ. މިއީ ގާތްގަނޑަކަށް 40 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ.
މަސް އެކްސްޕޯޓު ކުރި މިންވަރަށް ބަލާއިރު، މިދިޔަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް 69,000 މެޓްރިކް ޓަނުގެ މަސް ވަނީ ބޭރުކޮށްފަ އެވެ. މިއީ އޭގެ ކުރީ އަހަރުގެ އެ މުއްދަތުގައި އެކްސްޕޯޓުކުރި 37,000 މެޓްރިކް ޓަނާ އަޅާބަލާއިރު 87 އިންސައްތައިގެ އިތުރުވުމެއް ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ރާއްޖެއިން ބޭރުކުރި މަހުގެ ބާވަތްތަކަށް ބަލާއިރު، އެކްސްޕޯޓުގެ 80 އިންސައްތައަކީ ގަނޑުކުރި މަހެވެ. މީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ކަޅުބިލަމަހެވެ. ދެވަނައަށް އެންމެ ގިނައިން އެކްސްޕޯޓުކޮށްފައިވަނީ ކަންނެއްޔެވެ. މީގެ އިތުރުން، 1,400 ޓަނުގެ ދަޅުގައި ބަންދުކުރި މަސް ވެސް ވަނީ ބޭރުގެ ބާޒާރުތަކަށް އެކްސްޕޯޓުކޮށްފަ އެވެ.










