ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ތެރެއިން މިހާތަނަށް 110 ކުއްޖަކަށް އާއިލީ ވެށްޓެއް ހޯދައިދެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މި މޭރުމުން ވިދާޅުވީ 2026 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރުތަމަ ދައުރުގެ ފުރުތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ. އެ މަނިކުފާނު ވިދާޅުވީ، އެއްވެސް ފަރުދެއް ބާކީ ނުވާނެހެން ހަމަހަމަކަމާ އަދުލުވެރިކަމާއެކު ރައްޔިތުންނަށް ހިދުމަތްކުރުމުގެ ސިޔާސަތަކީ މި ސަރުކާރުން ހުރިހާ ދާއިރާއަކުން ވެސް ހިދުމަތް ކުރުމުގައި ގަބޫލުކުރާ ހަމަ ކަމަށެވެ.
އެގޮތުން މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންގޮސްފައިވާ މަސައްކަތަކީ ދައުލަތުގެ ބެލުމުގެ ދަށަށް އެކި ސަބަބުތަކާހުރެ ގެނެވޭ ފަރާތްތަކަށް ފޯރުކޮށްދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އެ ފަރާތްތަކުގެ ހާލަތު ބަދަލުކުރެވޭނެ ފުރުސަތުތަކެއް ހޯދައިދިނުންކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް އާއިލީ ވެށްޓެއްގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރި މަސައްކަތުން، މިހާތަނަށް 110 ކުދިންނަށް އާއިލީ ވެށްޓެއް ހޯދައިދެވިފައިވާކަމަށް ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން އެ ކުދިން ތިބޭ މަރުކަޒުތަކުގެ ފެންވަރު ރަނގަޅުކޮށް، އެ ފަދަ މަރުކަޒުތަކުގައި ހިދުމަތްކުރާ މީހުން އިތުރަށް ތަމްރީނުކުރުމުގެ ޕްރޮގްރާމެއް މި އަހަރު ފެށިގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވައި، އެ ފަރާތްތަކުގެ ހުނަރުތައް ތަރައްގީކޮށް، މާލީ ތަނަވަސްކަން އިތުރުކުރުމަށް އެކި ފުރުސަތުތައް ފަހިކޮށްދިނުމުގެ މަގުސަދުގައި ގާއިމުކުރާ "އެމްޕަވާމަންޓް ހަބް"ގެ އަމަލީ މަސައްކަތް މި އަހަރު ޖެނުއަރީ މަހު ވަނީ ފަށާފައި. އަދި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް، ކަމާބެހޭ ތިން ގަވާއިދެއް ނިމިދިޔަ އަހަރު ފާސްކޮށް ގެޒެޓް ކޮށް، ނުކުޅެދުންތެރިކަން ހުންނަ، 356 ފަރާތަކަށް މިހާތަނަށް ވަޒީފާ ދީފިން." --- ރައީސް ވިދާޅުވި އެވެ.
ސަރުކާރުގެ އަމާޒަކީ، ކުރިޔަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ކޮންމެ އަހަރަކު، ނުކުޅެދުންތެރިކަން ހުންނަ އިތުރު 500 ފަރާތަކަށް ވަޒީފާ ހަމަޖައްސައި ދިނުން ކަމުގައި ރައީސް ވަނީ އިތުރަށް ވިދާޅުވެފަ އެވެ.









