ބަލިބަލިން ރައްކާތެރިވުމުގެ ސިޔާސަތު ތަންފީޒު ކުރުމުގައި އެންމެ އިސްކަމެއް ދޭންޖެހޭނީ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ބަލިތަކުން ރައްކާތެރިވެ، ޖިސްމާނީގޮތުން ހަށިހެޔޮ ރައްޔިތަކަށް ވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، 20 ވަނަ ރައްޔިތުންގެ މަޖިލީސް، 2026 ވަނަ އަހަރަށް ހުޅުވުމަށް މިއަދު ހެނދުނު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރައީސް ވިދާޅުވީ ކުޅިވަރު ކުޅޭނެ ވަސީލަތްތައް ގާއިމުކުރުމަށް މިދިޔަ އަހަރު ސަރުކާރުން ފެށި 33 މަޝްރޫއެއް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ސަރުކާރުން ހަވާލުވިއިރު ނުނިމި ހުރި 59 މަޝްރޫއެއް ވެސް މިދިޔަ އަހަރު ނިންމާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރާއި ހަށިހެޔޮކަމުގެ 879 މަޝްރޫއެއް އެކި މަރުހަލާތަކުގައި ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވި އެވެ.
"މި ހުރިހާ މަޝްރޫއެއްވެސް، ކުރިޔަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި ނިންމާ ހަވާލު ކުރެވޭނެ،" ރައީސް ވިދާޅުވި އެވެ. މީގެ ތެރޭގައި ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން މަރުކަޒުތައް ގާއިމުކުރުމާއި، ހުޅުމާލޭގެ ދެ ފިޔަވައްސާއި ވިލިމާލެ ހިމެނޭހެން ޒަމާނީ 16 ސްޕޯޓްސް ކޮމްޕްލެކްސް ބިނާކުރުން ހިމެނެ އެވެ. މި ކޮމްޕްލެކްސްތަކަކީ 1،200 މީހުންނަށް އެއްފަހަރާ ކުޅިބަލަން ތިބެވޭނެ ޖާގަ ހިމެނޭހެން ފަރުމާކުރެވޭ ތަންތަނެވެ.
ޒުވާނުންނަށް ހާއްސަ އިތުރު ވަސީލަތްތަކަށް އަލިއަޅުއްވާލައްވަމުން، މާލޭގެ އުސްފަސްގަނޑު ސަރަހައްދުގައި އިންލައިން ސްޕީޑް ސްކޭޓިން ރިންގަކާއެކު ސްކޭޓް ޕާކް އެރީނާއެއް ހެދުމަށް ރޭވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރޭސިންގް އާއި ޑްރިފްޓިންގ އަށް ހާއްސަ އެރީނާއެއް ހެދުމަށް ބިން ހިއްކުމުގެ މަސައްކަތް މިއަހަރުގެ މާޗް މަހު ފެށޭނެ ކަމަށްވެސް އެމަނިކުފާނު ހާމަކުރެއްވި އެވެ.
ކުޅިވަރުގެ އުމްރާނީ ތަރައްގީގެ ދަށުން ހުޅުމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ އިންޑޯ ފުޓްސެލް އަދި ނެޓްބޯޅަ ސްޓޭޑިއަމްތައް ހިމެނޭ މަލްޓި ސްޓޯރީ ކޮމްޕްލެކްސްތަކެއްގެ މަސައްކަތް އަންނަ އޭޕްރީލް މަހު ފެށޭނެ އެވެ. މީގެ އިތުރުން، އީ-ސްޕޯޓްސް ސެންޓަރަކާއި، ބޯލިން އެރީނާ އަދި ކުޑަކުދިންގެ އިންޑޯ އެކްޓިވިޓީސް ކޮމްޕްލެކްސްއެއް ގާއިމުކުރުމުގެ މަސައްކަތްވެސް އޭޕްރީލް މަހު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ސިޔާސަތުތަކަކީ ރާއްޖޭގެ ރައްޔިތުންނަކީ ބަލިތަކުން ދުރު، ހަށިހެޔޮ އަދި ދުޅަހެޔޮ ދިރިއުޅުމަކަށް އަހުލުވެރި ބަޔަކަށް ހެދުމަށް ސަރުކާރުން ކުރައްވާ މުހިންމު މަސައްކަތްތަކެކެވެ.









