ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަމާޒުކޮށްގެން ހޯމް ސްކޫލިން ތައާރަފުކުރުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މި މޭރުމުން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރުތަމަ ދައުރުގެ ފުރުތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުންނެވެ. އެ މަނިކުފާނު ވިދާޅުވީ، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަމާޒުކޮށްގެން ހޯމް ސްކޫލިން ތައާރަފްކުރުމަށް މި އަހަރު މަޖިލީހަށް ބިލެއް ހުށަހަޅުއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، މި ސަރުކާރުގެ ސިޔާސަތަކީ ތައުލީމީ ދާއިރާގައި ވެސް ހަމަހަމަކަމާއި އަދުލު އިންސާފުން ކަންކަން ކުރުން ކަމަށެވެ. ކުއްޖެއްގެ ކިބައިގައި ހުންނަ ނުކުޅެދުންތެރިކަމެއްގެ ސަބަބުން އެ ކުއްޖެއްގެ ހައްގުތަކުން އެ ކުއްޖާ މަހުރޫމު ނުވާނޭހެން ހަމަހަމަ ކަމާއެކު ހުރިހާ ދަރިވަރުން ޝާމިލުވާނޭހެން ކިޔަވައިދިނުމަކީ މި ސަރުކާރުގެ ސިޔާސަތު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ދިވެހި ކޮންމެ ކުއްޖެއް އަޅުގަނޑުގެ ކުރިމަތީގައި ހަމަހަމަ. އެ ކުއްޖެއްގެ ކިބައިގައި ހުންނަ ނުކުޅެދުންތެރި ކަމަކުން އެ ކުއްޖާގެ ހައްގުތަކުން އެ ކުއްޖާ މަހުރޫމްވެގެން ނުވާނެ. އެގޮތުން ހުރިހާ ދަރިވަރުން ޝާމިލްކޮށްގެން ކިޔަވައިދިނުމަކީ މި ސަރުކާރުގ ސިޔާސަތު" --- ރައީސް ވިދާޅުވި އެވެ.
ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ކިޔަވައިދިނުން މިހާރަށްވުރެ ހަރުދަނާކުރުމަށް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އުނގަންނައިދޭނެ މުދައްރިސުން ލިބުމުގެ ދަތިކަން ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ. އެގޮތުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އުނގަންނައިދޭނެ މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފަށާފައިވާއިރު މި ޕްރޮގްރާމު މިހާރަށްވުރެ ބޮޑަށް ފުޅާކުރައްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ބެލެނިވެރިންގެ ތެރެއިން ސިވިލް ސާވިސް ވަޒީފާއަދާކުރާ ބެލެނިވެރިންނަށް ގޭގައި ހުރެގެން ވަޒީފާ އަދާކުރުމުގެ ފުރުސަތު (ވޯކް ފްރޮމް ހޯމް) މި އަހަރުގެ މާޗު މަހުން ފެށިގެން ލިބިގެންދާނެކަމުގެ ޔަގީންކަން ރައީސް ވަނީ އެފަދަ ބެލެނިވެރިންނަށް ދެއްވައިފަ އެވެ.
ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަކޮށްގެން މި ސަރުކާރުން ކުރަން ނިންމާފައިވާ ބައެއް ކަންކަމުގެ ތެރޭގައި:
- އުނގަންނައިދިނުމަށް ހާއްސަ ކުލާސްރޫމްތައް
- އެ ކުދިންގެ ހާލަތަށް ރިއާޔަތްކޮށް ޕްރައިވެސީ ލިބޭގޮތަށް ހާއްސަ ފާހާނާ ހެދުން
- އެ ކުދިންނަށް ހާއްސަ އެޑިޔުކޭޝަނަލް ސަޕޯޓް ފެސިލިޓީތައް އެޅުން
- އެ ކުދިން އުނގެނުމަށާއި އުނގަންނައިދިނުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުން
- ހުރިހާ ސްކޫލަކަށް ބޭނުންވާ ވަސީލަތްތައް ހޯދުން
- އެކި މާއްދާތަކުގެ ހާއްސަ ފޮތްތައް ތައްޔާރުކުރުން
މީގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެކަށީގެންވާ ގޮތެއްގައި އޯ ލެވެލްއަށް ކިޔެވޭނެ އިންތިޒާމުތައް ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.









