ރަސްމީ ރިޒާވް 1.1 ބިލިއަން ޑޮލަރަށްވުރެ އިތުރުވެއްޖެ

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 13 ގަޑިއިރު ކުރިން - 5 ފެބްރުއަރީ 2026 13:39
ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވަނީ--- ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވަނީ--- ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ދައުލަތުގެ ރަސްމީ ގްރޮސް ރިޒާވުގައި 1.13 ބިލިއަން ޑޮލަރު އެބަހުރިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިއީ ރަސްމީ ރިޒާވް އެންމެ މައްޗަށް ދިޔަ ފަހަރު ކަމަށް

ދައުލަތުގެ ރަސްމީ ގްރޮސް ރިޒާވްގައި 1.1 ބިލިއަން ޑޮލަރަށްވުރެ އިތުރުވެއްޖެ އެވެ.

ރަސްމީ ރިޒާވްގައި 1.1 ބިލިއަން ޑޮލަރަށްވުރެ އިތުރުވެފައިވާކަން ހާމަކުރެއްވިީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރުތަމަ ދައުރުގެ ފުރުތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުންނެވެ. އެ މަނިކުފާނު ވިދާޅުވީ، މި ވަގުތު ދައުލަތުގެ ރަސްމީ ގްރޮސް ރިޒާވުގައި ޖުމްލަ 1.13 ބިލިއަން ޑޮލަރު އެބަހުރި ކަމަށެވެ.

މިއީ ރާއްޖޭގެ ތާރީހުގައި ވެސް ރަސްމީ ގްރޮސް ރިޒާވް އެންމެ މައްޗަށް ދިޔަ ފަހަރުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ދިވެހި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު އެކަމަކާ ގުޅިފައިވާ އެންމެ މުހިއްމު އެއް ދާއިރާއަކީ އަދި ގައުމުގެ ކުރިއެރުމާއި ތަމައްދުން އޭގެ މައްޗަށް ބިނާވާ މާއްދީ އެންމެ މުހިއްމު ދާއިރާއަކީ ގައުމުގެ އިގްތިސާދު ކަމަށެވެ.

"އިގްތިސާދީ ގޮތުން ކުރިއަރާފައިވާ ވިލުންތެރި އިގްތިސާދެއް ގާއިމުވެފައި އޮތް ގައުމަކަށް ދިވެހި ގައުމު ވެގެންދިއުމަކީ މި ސަރަހައްދުގެ އަމަންއަމާން ކަމާއި ސަލާމަތީ ރައްކާތެރިކަމަށް ވެސް ނުހަނު ފައިދާކުރާނެ ކަމެއް، ކަން މިހެން އޮތް ނަމަވެސް މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތީ ވަރަށް ވެސް ނާޒުކު ފައްތަރެއްގައި،" --- ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވަމުން ވިދާޅުވި އެވެ.

ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ، ވޭތުވެ ދިޔަ ދައުރުގައި މާލީ ކަންކަމުގައި ގެންގުޅެފައިވާ ޒިންމާދާރުކަން ކުޑަ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން މާލީ ކަންކަން އޮތީ ބޮއްސުންލައިގެން ގޮސްފައި ކަމަށެވެ. އެގޮތުން ކުރީ ސަރުކާރުން، ދައުލަތަށް ލިބޭ އާމްދަނީގެ އިތުރުން ބޮޑުއަގުގައި ބޭރުގެ ފަރާތްތަކުން ބޮޑެތި ދަރަނިތައް ނެގުމާއި، ފައިސާ ޗާޕުކޮށްގެން ހަދަރުކުރުން އޮތީ ހައްދުފަހަނަ އަޅާފައިކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެ މަނިކުފާނު އަވަސްވެޑައިގަތީ، ރާއްޖެއަށް ދިމާވެފައިވާ އިގްތިސާދީ ހާލަތުން އަރައިގަނެ މިކަންކަމަށް ހައްލު ހޯއްދެވުމަށް ކަމަށެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%