މިސްކިތްތަކަކީ އިސްލާމީ ހަޟާރަތުގެ އެންމެ ޒީނަތްތެރި މަލަތައް ކަމަށާއި، މި ޒީނަތްތެރިކަން މި ގައުމުގައި ފުރިހަމައަށް ފެންނަންވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރުތަމަ ދައުރުގެ ފުރުތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ، ދިވެހިންގެ ދެ ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަމަކީ މާތްވެގެންވާ އިސްލާމްދީން ކަމަށެވެ. އިސްލާމްދީނުގައި އެންމެ މަތިވެރި ބިނާތަކަކީ މާތްﷲގެ ގެކޮޅުތައް ކަމަށްވާ މިސްކިތްތައްކަން ރައީސް ފާހަގަކުރެއްވި އެވެ.
މި ސަރުކާރުން ނިމިދިޔަ 2025 ވަނަ އަހަރު ދީން ކުރިއެރުވުމަށް ފެއްޓެވި މަޝްރޫއުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ވޭތުވެދިޔަ އަހަރު 74 މިސްކިތާއި، ހަތް އިސްލާމީ މަރުކަރާއި، ތިން ގުރުއާން މަރުކަޒާއި، ހަ ވަގުފް ބިނާއާއިއެކު މުޅިއެކު 90 މަސްރޫއުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދެވިފައިވާ ކަމަށެވެ.
"މީގެ ތެރެއިން ހއ. ދިއްދޫ އިސްލާމިކް ސެންޓަރާއި، 10 ރަށެއްގެ މަސައްކަތް ނިންމާ ހުޅުވިން، އަދި ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ ކުރިން އިތުރު އަށް މިސްކިތެއް އިރާދަކުރެއްވިއްޔާ ހުޅުވާނަން،" --- ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވި އެވެ.
މިސްކިތްތައް އަޅައި ހުޅުވުމުގެ އިތުރުން، ބޭނުންކުރަމުންދާ މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތް ވެސް މި ސަރުކާރުން ހާއްސަ ސަމާލުކަމެއްދެއްވާނެކަމަށް ރައީސް ފާހަގަކުރެއްވި އެވެ. އެގޮތުން، ނިމިދިޔަ 2025 ވަނަ އަހަރު 19.4 މިލިއަން ރުފިޔާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި މިސްކިތްތައް މަރާމާރުކުރުމަށް ހަރަދުކޮށްފައިވާ ކަމަށާއި، އަދި މި އަހަރު 15 މިލިއަން ރުފިޔާ މިސްކިތްތައް މަރާމާތުކުރުމަށް ހަމަޖައްސާފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މި އަހަރު ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ރާއްޖޭގެ އިތުރު 10 ރަށެއްގައި އިސްލާމީ މަރުކަޒު އިމާރަތްކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. މީގެ ތެރެއިން ތިން މަރުކަޒެއްގެ އެއްބަސްވުމުގައި ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު ސޮއިކޮށްފައިވާނެ ކަމަށާއި، މި އަހަރު އިތުރު 17 ރަށެއްގައި މިސްކިތްތައް އެޅުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ރައީސް ވިދާޅުވީ، ހުޅުމާލޭ ގްރޭންޑް މިސްކިތް އެޅުމުގެ ތަސައްވަރު އެކުލަވާލައި އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ. އަދި މިސްކިތުގެ މައި ހޯލުގައި 800 މީހުންނަށްވުރެ ގިނަ މީހުންނަށް ނަމާދުކުރެވޭ މިސްކިތްތަކުގެ މައި ހޯލާއި، އަންހެނުންގެ ނަމާދުކުރާ ބައި އޭސީކުރުމަށް ސަރުކާރުން ފެއްޓި މަޝްރޫއުގެ ދަށުން މާލޭގައި ހުރި ހަތަރު މިސްކިތެއްގެ މައި ހޯލާއި އަންހެނުން ނަމާދުކުރާ ބައި ކުރިއަށް އޮތް ރަމަޟާން މަސް ފެށުމުގެ ކުރިން އޭސީ ކުރެވިގެންދާނެކަމަށް ރައީސް އިތުރަށް ވިދާޅުވި އެވެ.









