އެމެރިކާއިން އީރާނަށް ހަމަލާއެއް ދީފިނަމަ، އެމެރިކާއާއި އިޒުރޭލާއި މެދުއިރުމަތީގައިވާ އެމެރިކާގެ މަސްލަހަތު ހިމެނޭ ތަންތަން ބޮޑު މުސީބާތެއްގެ ތެރެއަށް ވެއްޓިދާނެ ކަމަށް ހުޅަނގުގެ ގިނަ ތަޖުރިކާރުން ގަބޫލުކުރެ އެވެ.
އެމެރިކާގެ އިންޒާރުތަކަށް ރައްދުގައި އީރާނުން ޖަވާބު ދެމުން ދާއިރު، އީރާނުގެ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން ދަނީ އިތުރުވަމުން ބޮޑުވަމުންނެވެ.
އީރާނާ ބެހޭ ގޮތުން ތައްޔާރު ކޮށްފައިވާ ސިއްރު ރިޕޯޓުތަކާއި ހުޅަނގުގެ ތަޖުރިބާކާރު އޮފިޝަލުން ހާމަކޮށްފައިވާ އަންދާޒާ ތަކަށް ބަލާއިރު އެ ސަރަހައްދުގައި ހުރި އެމެރިކާގެ މަސްލަހަތުތަކަށް ބޮޑެތި ގެއްލުންތަކެއް އީރާނުން ދީފާނެތީ އެމެރިކާގެ އިތުރަށް ސަރަހައްދީ ގައުމުތަކުން ތިބީ ވަރަށް ބޮޑަށް ހާސްވެ ކަންބޮޑުވެފަ އެވެ.
މިދިޔަ ޖޫން މަހު އިޒުރޭލާއި އީރާނުން ކުރި 12 ދުވަހުގެ ހަނގުރާމައިގައި އީރާނުގެ މިސައިލް ޕްރޮގްރާމަށް ގެއްލުން ލިބުނު ނަމަވެސް، އެމެރިކާގެ ސަރަހައްދީ އެކުވެރިންގެ ދިރާސާތަކުގައި ބުނެފައި ވަނީ އެ މިސައިލު ޕްރޮގްރާމްގެ އަސާސީ ކަންކަން އަދިވެސް ހަލާކުނުވެ އެބަހުރި ކަމަށެވެ. އީރާނުގެ ނިއުކުލިއަ މަޝްރޫއުގެ މަސައްކަތް ވެސް އޮތީ ހަމަ އެގޮތަށެވެ. އެމެރިކާއިން އެތަނަށް ބޮން އެޅިއަސް އެތަން ފުޑައެއް ނުލެވުނެވެ.
ވޮޝިންޓަން ޕޯސްޓަށް ނަން ނުޖެހުމަށް ޝަރުތުކޮށް ހުޅަނގުގެ ތަޖުރިބާކާރުންތަކެއް ބުނެފައިވާ ގޮތުގައި އީރާނުން ވަނީ މުހިންމު މިސައިލް ކެޕޭސިޓީތައް އަލުން ބިނާކުރުމުގައި ކާމިޔާބު ހޯދާފަ އެވެ.
އީރާނުގެ ކުރީގެ ޑިޕްލޮމެޓް، އަމީރު މޫސަވީ ވިދާޅުވީ މިދިޔަ އަހަރުގެ ޖޫން، ހަނގުރާމައިގެ ފަހުން އީރާނުން މިސައިލް އުފެއްދުން ދެގުނައަށް އިތުރުކޮށްފައިވާ ކަމަށެވެ. އެތައް ހާސް މީޓަރެއްގެ އުސްމިނުގައި ހުންނަ ފަރުބަދަ ކިއްލާތަކުގެ ސަބަބުން މި ގާބިލުކަން ދެނެގަތުމަށް ދަތިވާ ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.
އީރާނުގެ އެތެރޭގެ ހަގީގަތް އެނގޭ މަސްދަރުތަކުން ބުނީ ކުރިއަށް އޮތްތަނުގައި ގަތަރުގެ އަލްއުދައިދުގެ މަރުކަޒަށް ދިން ހަމަލާ ފަދައިން ކުރިއަށް އޮތް ތަނުގައި އީރާނުން ބަދަލު ހިފުމަކީ ހަމައެކަނި ރަމްޒީ ނުވަތަ މިންކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ގަލްފުގައި ފެތުރިފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުގެ އަމާޒު ރައްދުވާނެ ކަމަށެވެ.
އަނެއްކޮޅުން އީރާނުގެ މިސައިލްތައް އެހާ ގިނަ ކަމަށާއި އެއީ ގަލްފް ކޯޕަރޭޝަން ކައުންސިލްގެ ގައުމުތަކުގެ ވައިގެ ދިފާއީ ނިޒާމުތަކަށް ކުޅަދާނަ ވާވަރަށްވުރެ މާ ގިނަ މިސައިލްތަކެއް ކަމަށް ތަޖުރިބާކާރު މާހިރެއް ކަމުގައިވާ ޑޭވިޑް ޑެސް ރޯޝް ވަނީ ސާފުކޮށް ދެއްވާފައެވެ. އޭނާ އިންޒާރު ދެއްވީ ކަނެކްޓިވިޓީ އާއި ކޯޑިނޭޝަން ނެތް ދިފާއީ ސިސްޓަމްތައް އެ މިސަލްތަކުން ފުނޑުފުނޑުވެދާނެ ކަމަށެވެ.
ސިޔާސީ ގޮތުން އީރާނުގެ ޑިޕްލޮމެޓަކާ ހަވާލާދީ ވޮޝިންޓަން ޕޯސްޓުގައި ބުނެފައި ވަނީ އަސްކަރީ ނުރައްކަލެއްގެ ހިޔަލުގައި މުއާމަލާތް ކުރުމުގެ ފުރުސަތު ނައްތާލެވިފައިވާ ކަމަށާއި ޓްރަމްޕްގެ ޝަރުތުތަކަކީ ބުއްދި ގަބޫލުކުރަން ދަތި ޝަރުތުތަކެއް ކަމަށެވެ. އަދި އެމެރިކާގެ ޕްރެޝަރުގެ ސަބަބުން އީރާނުގެ ވެރިކަމުގެ ސަފުތައް އެއްބައިވަންތަކޮށް، އެތެރޭގެ ހިޔާލު ތަފާތުވުންތަކުން އަރައިގަތުމަށް އެހީތެރިވެދީފައިވާ ކަމަށް ޔޫރަޕްގެ އޮފިޝަލުން ވަނީ ބުނެފައެވެ.
މިހާރު އީރާނުން އަންނަނީ އެއްބައިވަންތަ އެއް މެސެޖެއް ކަމަށްވާ "އަހަރެމެން މިތިބީ ފުރިހަމަ ހަނގުރާމައަކަށް ތައްޔާރަށް" މި ޝިއާރުގެ ދަށުން މަސައްކަތް ކުރަމުންނެވެ.
ސަރަހައްދީ ނިންމުންތަކާ ގުޅޭ ގޮތުން ހުޅަނގުގެ އޮފިޝަލަކު ހާމަކުރެއްވި ގޮތުގައި ސަރަހައްދުގެ ގައުމުތައް މިހާރު ދަނީ އުދުވާނީ އަސްކަރީ އަމަލުތަކާ ދުރަށް ޖެހެމުންނެވެ. އެ ގައުމުތަކުން ވަނީ އީރާނާ ދެކޮޅަށް އެއްވެސް އަސްކަރީ ފިޔަވަޅެއް އެޅުމަށް އެގައުމުތަކުގެ އެއްގަމާއި ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ފުރުސަތު ނުދޭނެކަން އެމެރިކާއަށް އަންގާފައެވެ.
އީރާނުގެ ވަށައިގެން ތިބި އެމެރިކާގެ އަރަބި އެކުވެރިން، މަޑުމަޑުން އީރާނުގެ ބާރުގަދަ އިސްލާމީ ވެރިކަން ރޫޅިގެން ދިއުމަށް އެދޭކަމަށް ވިޔަސް، އެމެރިކާއިން އީރާނަށް ދޭ ކޮންމެ ހަމަލާއެއްގެ ސަބަބުން ކުއްލި ނުރައްކަލަކާއި މުސީބާތެއްގެ ތެރެއަށް ސަރަހައްދީ ގައުމުތައް ވެއްޓި ސަރަހައްދު މުޅިން ކޮންޓްރޯލް ނުކުރެވޭ ހަލަބޮލިކަމެއްގެ ތެރެއަށް ގެނބިގެން ހިނގައިދާނެތީ ވަރަށް ބޮޑަށް ކަންބޮޑުވެއެވެ.
އީރާން- އެމެރިކާގެ ހޫނު އަދި ނުރައްކާތެރި މައްސަލައަށް ސިޔާސީ ހައްލެއް ހޯދުމުގެ ބޭނުންތެރިކަމަށް އަރަބި ގައުމުތަކުން މިއަދު ބާރުއަޅަނީ އެހެންވެއެވެ. އީރާނަށް ހެޔޮ އެދޭތީއެއް ނޫނެވެ. އަމިއްލަ ގައުމުގެ މަސްލަހަތަށް ޓަކައެވެ.










