މިއަހަރުގެ ރަމަޟާން މަހު އުމްރާ ގްރޫޕްތައް މެދުވެރިކޮށް އުމްރާގެ މުގައްދަސް އަޅުކަމަށް ފުރާ ފަރާތްތަކަށް ފަސޭހަކަމާއެކު ޑޮލަރު ގަނެވޭނެ އިންތިޒާމު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މިއަހަރުވެސް ހަމަޖައްސައިފި އެވެ.
ބީއެމްއެލްއިން ބުނިގޮތުގައި، އުމްރާވެރިންނަށް ޑޮލަރު ވިއްކުމުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އަމީނީމަގުގައި ހުންނަ ބީއެމްއެލް ކަސްޓަމާ ސާވިސް ސެންޓަރުގެ ގްރައުންޑް ފްލޯއިންނެވެ. މި ހިދުމަތް ހޯއްދަވާ ފަރާތްތަކުން އެ ސެންޓަރުން ނަމްބަރު ނަގައިގެން ޑޮލަރު ގަތުމުގެ ކަންކަން ކުރިއަށް ގެންދެވޭނެއެވެ.
މި ހާއްސަ އިންތިޒާމުގެ ދަށުން ޑޮލަރު ވިއްކުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 8 އިން ފެށިގެން 26 ގެ ނިޔަލަށެވެ. ބޭންކު ހުޅުވާފައި ހުންނަ ދުވަސްތަކުގައި މި ހިދުމަތް ލިބޭނީ ހެނދުނު 9:30 އިން މެންދުރު 12:30 އާ ހަމައަށްކަމަށް ބީއެމްއެލްއިން ފާހަގަކުރި އެވެ.
އުމްރާވެރިންނަށް ޑޮލަރު ދޫކުރުމަށް ހަމަޖެހިފައިވާ އުސޫލުގެ ދަށުން، ކޮންމެ އުމްރާވެރިއަކަށް ގިނަވެގެން 500 ޑޮލަރުގެ މަގުން، އެކަކަށް ފަސް އުމްރާވެރިންނަށް ބީއެމްއެލް ޑެބިޓް ކާޑު މެދުވެރިކޮށް ޑޮލަރު ގަނެވޭނެކަމަށް ބީއެމްއެލްއިން ބުންޏެވެ.
ބޭންކުން އިތުރަށް ބުނީ، ޑޮލަރު ވިއްކާނީ އުމްރާ ގްރޫޕްތަކުން ބޭންކަށް ހުށަހަޅާފައިވާ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ކަމަށެވެ. ޑޮލަރު ގަންނަ ވަގުތު ކޮންމެ އުމްރާވެރިއެއްގެ އައިޑީ ކާޑު ނުވަތަ ޕާސްޕޯޓުގެ އަސްލު ހުށަހަޅަން ޖެހޭނެއެވެ. އުމްރާވެރިއެއްގެ ބަދަލުގައި އެހެން ފަރާތަކުން ޑޮލަރު ގަންނަނަމަ، އެ ފަރާތެއްގެ އައިޑީ ކާޑުގެ އަސްލުވެސް ހުށަހަޅަން ޖެހޭނެއެވެ.
މި އިންތިޒާމުގެ ބޭރުން ޑޮލަރު ބޭނުންވާ ފަރާތްތަކަށް ބީއެމްއެލްގެ ޔޫއެސްޑީ ބުކިންގ ޕޯޓަލް މެދުވެރިކޮށް ޑޮލަރު ގަނެވޭނެއެވެ. މިގޮތަށް ޑޮލަރު ގަންނަ ފަރާތްތަކަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ހޯލުން ޑޮލަރު ނެގޭނެ ކަމަށް ބޭންކުން ބުންޏެވެ.
މީގެ އިތުރުން، އުމްރާވެރިންނަށް ހާއްސަކޮށްގެން ކަސްޓަމާ ސާވިސް ސެންޓަރުން ޑޮލަރު ވިއްކާ ދުވަސްތަކުގައި، މާލޭގެ ބައެއް ބްރާންޗްތަކުން އުމްރާވެރިންނަށް ޑޮލަރު ވިއްކުމުގެ ހިދުމަތް މެދުކަނޑާލެވޭނެ އެވެ. އޭގެ ތެރޭގައި އިސްލާމިކް މާލެ ބްރާންޗް، މެއިން ބްރާންޗް، ހުޅުމާލެ ބްރާންޗް އަދި ވިލިމާލެ ބްރާންޗް ހިމެނެ އެވެ. ނަމަވެސް އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ ބްރާންޗްތަކުން ޑޮލަރު ގަތުމުގެ ހިދުމަތް ކުރިއެކޭވެސް އެއްގޮތަށް ލިބޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.









