ޒަކާތުގެ ހިދުމަތް ޑިޖިޓަލައިޒްކޮށް، އަވަސްކުރުމަށް "ޒަކާތް އަސްނާފު ކާޑު" އިފުތިތާހުކޮށްފި

އައިޝަތު ރުވާ ރިފްޢަތު | 12 ގަޑިއިރު ކުރިން - 3 ފެބްރުއަރީ 2026 17:57
"ޒަކާތް އަސްނާފު ކާޑު" ރަސްމީކޮށް އިފުތިތާހުކުރުން/ ފޮޓޯ: އިސްލާމިކް މިނިސްޓްރީ
"ޒަކާތް އަސްނާފު ކާޑު" ރަސްމީކޮށް އިފުތިތާހުކުރުން/ ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޚުލާސާ

މިކާޑު ބޭނުންކޮށްގެން ޒަކާތު ހައުސްގެ މިހާރުގެ ހިދުމަތްތަކާއި ކުރިއަށް އޮތް ޕްރޮގްރާމްތައް ޝަރުތުހަމަވާ ފަރާތްތަކަށް ފަސޭހަކަމާއެކު ލިބިގެންދާނެ.

ޒަކާތުގެ ފައިސާއިން ފޯރުކޮށްދޭ އެހީގެ ޕްރޮގްރާމްތައް މިހާރަށްވުރެ ހަރުދަނާކޮށް، ލުއިފަސޭހަކަމާ އެކު އެހީ ލިބޭ ފަރާތްތަކުގެ ކަރާމާތް ހިފެހެއްޓޭނެ ފަދަ ނިޒާމެއްގެ ދަށުން ހިދުމަތް ދިނުމަށްޓަކައި "ޒަކާތް އަސްނާފު ކާޑު" ރަސްމީކޮށް އިފުތިތާހުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ކާޑު އިފުތިތާހުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ.

މި ކާޑަކީ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ތައާރަފުކުރި ކާޑެކެވެ. މިއީ މޯލްޑިވްސް ޒަކާތު ހައުސްގެ ހިދުމަތްތައް ޒަމާނީކޮށް ޑިޖިޓަލައިޒްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެކެވެ. މި ކާޑުގެ އެހީގައި، އެހީއަށް ޝަރުތުހަމަވާ ފަރާތްތަކަށް ޒަކާތު ހައުސްއިން ފޯރުކޮށްދޭ ތަފާތު ހިދުމަތްތަކާއި، ކުރިއަށް އޮތް ތަނުގައި ތައާރަފުކުރުމަށް ރޭވިފައިވާ އިތުރު ޕްރޮގްރާމްތައް ވަރަށް ފަސޭހަކަމާ އެކު ހޯދޭނެ މަގު ތަނަވަސްވެގެންދާނެއެވެ.

މި އައު ނިޒާމުގެ ސަބަބުން، އެހީއަށް އެދި ހުށަހަޅާ ކޮންމެ ފަހަރަކު އަސާސީ ލިޔެކިޔުންތައް ހުށަހަޅަން ޖެހޭޖެހުން ނިމުމަކަށް އަންނާނެ އެވެ. އޭގެ ބަދަލުގައި، އަސްނާފު ކާޑުގައިވާ ކިއުއާރް ކޯޑު ސްކޭންކޮށްލުމުން، އެހީއަށް އެދޭ ފަރާތުގެ ހުރިހާ މައުލޫމާތެއް ވަގުތުން ކަށަވަރުކުރެވޭނެ އެވެ. މީގެ ސަބަބުން އިދާރީ ގިނަ މަސައްކަތްތަކެއް މަދުވެ، ހިދުމަތް ދިނުން އަވަސްވެގެންދާނެ އެވެ.

ކިއުއާރް ކޯޑު ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަރުމާކޮށްފައިވާ މި ކާޑު، ޒަކާތުގެ އެހީގެ ނިޒާމުގައި ހިމެނޭ އެހީ ލިބޭ ފަރާތުގެ 'ވެރިފައިޑް ޕްރޮފައިލާ' ސީދާ ގުޅިފައިވާނެ އެވެ. މީގެ ސަބަބުން ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އެހީއަށް ޝަރުތުހަމަވާކަން އަވަހަށް ކަށަވަރުކޮށް، ހާމަކަން ބޮޑު އަދި އިތުބާރު ހުރި ގޮތެއްގައި ހައްވެރީންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެކަމަށް އިސްލާމިކް މިނިސްޓަރީން ބުންޏެވެ.

މި ކާޑު ސިސްޓަމަކީ ޒަކާތު ހައުސްއިން ތައާރަފުކޮށްފައިވާ "ބެނެފިޝަރީ އައިޑެންޓިފިކޭޝަން ކާޑު ސިސްޓަމް"ގެ ބައެކެވެ. މީގެ މައިގަނޑު މަގްސަދަކީ ހުރިހާ އެހީގެ ޕްރޮގްރާމްތަކެއް ޝަރުއީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީން އެއް ޑިޖިޓަލް ނިޒާމެއްގެ ދަށުން ގުޅާލުންކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ފާހަގަކުރި އެވެ.

މިނިސްޓްރީން ބުނީ އަސްނާފު ކާޑު އިފުތިތާހުކުރުމަކީ ޒަކާތު ހައުސްގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރުގެ ފުރަތަމަ މަރުހަލާ ކަމަށްވާއިރު، ކުރިއަށް އޮތް ތަނުގައި މި ނިޒާމުގެ ތެރެއަށް ޑިޖިޓަލް ރެކޯޑުތައް ގުޅާލުމާއި، މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ހިދުމަތް ހޯދޭނެ ގޮތް ހެދުމަށް ވަނީ ރޭވިފައިކަމަށެވެ. އަދި މީގެ ސަބަބުން ޒަކާތް ބެހުމުގައި ޒިންމާދާރުކަން އިތުރުވެ، އެހީ ފޯރުކޮށްދިނުމުގައި ތަކުރާރުވުންތައް ހުއްޓުވައި، ތަފާސްހިސާބުގެ އަލީގައި ހަރުދަނާ ނިންމުންތައް ނިންމުމަށް މަގުފަހިވާނެ ކަަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%