ގޯލްޑެން ފުޓްސަލް ޗެލެންޖުގައި ވާދޫ 1-3 ގެ ނަތީޖާއިން ބަލިކޮށް ދެއްވަދޫއިން ހުވަދު އަތޮޅުގެ ރަސްކަމަށް އަތުވެއްޖެ އެވެ.
ޒޯން 7 ގެ ސެމީގައި މި ދެ ރަށް ބައްދަލުކުރި މެޗުގައި ފުރަތަމަ ގޯލު ޖަހާފައިވަނީ ދެއްވަދޫ އިންނެވެ. މި ގޯލު ފުރަތަމަ ހާފުގައި ކާމިޔާބުކުރީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަހްމަދު ރާހިލް ރަޝީދު (ރާއްކޮ) އެވެ.
ދެވަނަ ހާފުގައި ދެއްވަދޫގެ ދެވަނަ ގޯލެއް ޖަހައި ލީޑި ފުޅާކުރީ ކެޕްޓަން އަހުނަފް ރަޝީދު (އަހުއްކޮ) އެވެ. މި މެޗުގައި ދެއްވަދޫ އަށް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނުކަން ފާހަގަކޮށްލެވެ އެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ގިނަ އެޕީލްތަކެއް ކުރަމުން ދިޔަ އެވެ. ދެވަނަ ހާފު ނިމެން ކުޑަތަންކޮޅެއް ވެފައިވަނިކޮށް ވާދޫގެ ހަމައެކަނި ގޯލު ޖަހާފައިވަނީ ޝައުފް އެވެ. އޭގެ އިރުކޮޅެއް ފަހުން ދެއްވަދޫ ކުޅުންތެރިއަކަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ޝައުފް އަށް ވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.
މެޗު ނިމެން ސިކުންތަކަށް ވެފައިވަނިކޮށް ދެއްވަދޫގެ ތިން ވަނަ ގޯލު ޖަހައިދިނީ ހުޒައިފަތު ރަޝީދު (ހުޒޭ) އެވެ. ހުޒޭ މި ގޯލު ޖެހީ ކީޕަރު ބޯ މަތިން ބޯޅަ އެއްލާލައިގެންނެވެ.
މި މޮޅާއެކު ދެއްވަދޫ މިވަނީ ޒޯނު ފައިނަލަށް ދަތުރުކޮށްފަ އެވެ. މިއީ ދެއްވަދޫ މި މުބާރާތުގެ ޒޯނު ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. ފައިނަލުގައި ވާދަކުރާނީ ސ. ހިތަދޫއާ ދެކޮޅަށެވެ.










