1 ޓަނުގެ މަސްތުވާތަކެއްޗާއި އެކު އީރާނުގެ ހަމީހަކު ކެންޔާއިން ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކުރިތާ ދުވަސްކޮޅެއް ވެއްޖެއެވެ.

ކެންޔާ އިން ބުނީ އެ ޤައުމުގެ ޕޯޓް އޮފް މޮމްބާސާގެ އިރުމަތިން ގާތްގަނޑަކަށް 350 ނޯޓިކަލް މޭލު ދުރުން އެ މީހުން އަތުލައިގަތީ ކެންޔާގެ ބަޔަކާއި އެކު މަސްތުވާތަކެތި ޓްރެފިކް ކުރަނިކޮށް ކަމަށާއި އެ ކުށަށް އީރާނުގެ ހަމީހުން މިހާރު އިއުތިރާފް ވެސް ވެފައިވާ ކަމަށެވެ.

ކެންޔާގައި މިފަދަ ކުށެއްގެ އަދަބަކީ 20 އަހަރާއި 40 އަހަރާއި ދެމެދުގެ ޖަލު ޙުކުމެކެވެ.

ފާއިތުވި ދެއަހަރު އެ ޤައުމުން 3.2 ޓަނަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ރެކޯޑް ކޮށްފައި ވާއިރު، އެއާޕޯޓްތަކުން 40 އަށް ވުރެ ގިނަ މީހުން ހައްޔަރު ކޮށްފައި ވެއެވެ.

ކެންޔާ އަށް މަސްތުވާ ތަކެތި އެތެރެކުރި ގުރޫޕަކީ އިންޑިއާ ކަނޑުގައި ޙަރަކާތްތެރިވާ މާފިޔާ ގުރޫޕެއް ކަމަށާއި ޢަރަބި ކަނޑުގައި ވެސް މިމީހުން ޙަރަކާތްތެރިވާ ކަމަށް ކެންޔާ ފުލުހުން ބުންޏެވެ.