މާލޭ ވިޔަފާރި ބަނދަރަށް ގެންނަ ކޮންވެންޝަނަލް ކާގޯ (ކޮންޓޭނަރަށް ނުލައި ގެންނަ މުދާ)ގެ ތެރެއިން، ބަނދަރުގެ "އޯޕަން ސްޓޯރޭޖް އޭރިޔާ"ގައި ސްޓޯ ކުރާ މުދާ ހިލޭ ބެހެއްޓޭނެ މުއްދަތު އިތުރު ކުރަން އެމްޕީއެލް އިން ނިންމައިފި އެވެ.
އެމްޕީއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މި ބަދަލަކީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއިފަސޭހަކޮށް ދިނުމަށާއި، އިގްތިސާދީ ގޮތުން އެ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ނިންމި ނިންމުމެއް ކަމަށެވެ. މި ނިންމުމުގެ ދަށުން، މާލޭ ވިޔަފާރި ބަނދަރުގެ "އޯޕަން ސްޓޯރޭޖް އޭރިޔާ"ގައި ސްޓޯ ކުރާ މުދަލަށް ދޭ "ފްރީ ސްޓޯރޭޖް" މުއްދަތަށް ވަނީ ބޮޑު ލުޔެއް ދީފަ އެވެ.
އެމްޕީއެލް އިން ހާމަކުރި ގޮތުގައި، ކޮންވެންޝަނަލް ނުވަތަ ބްރޭކް ބަލްކް ކާގޯއަށް ދޭ "ފްރީ ސްޓޯރޭޖް"ގެ މުއްދަތަށް ގެނައި ބަދަލާއެކު، ދެން އެފަދަ މުދާ 10 ދުވަސް ވަންދެން ހިލޭ ބަނދަރުގައި ބެހެއްޓޭނެ އެވެ. މީގެ ކުރިން މި ބާވަތުގެ މުދާ ބަނދަރުގެ އޯޕަން ސްޓޯރޭޖް އޭރިއާގައި ހިލޭ ބެހެއްޓެނީ ފަސް ދުވަހުގެ މުއްދަތަކަށެވެ.
މި ގެނެވުނު ބަދަލުގެ ސަބަބުން މުދާ އެތެރެކުރާ ފަރާތްތަކަށް، ހާއްސަކޮށް ކުދި ވިޔަފާރިވެރިންނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން އުންމީދު ކުރެ އެވެ. މިއީ ބަނދަރުގެ ހިދުމަތްތައް ހަރުދަނާކޮށް، ވިޔަފާރިވެރިންނަށް ހުރި ހުރަސްތައް ނައްތާލުމަށް ކުރެވޭ މަސައްކަތުގެ ބައެއް ކަމަށް އެކުންފުނިން ބުނެ އެވެ.
އެމްޕީއެލް އިން ބުނި ގޮތުގައި، މި ގެނެވުނު އާ ބަދަލުތަކަށް އަމަލުކުރަން ފަށާނީ މާދަމާ އިން ފެށިގެން މާލޭ ވިޔަފާރި ބަނދަރަށް އަންނަ އުޅަނދުތަކުން ބާލާ މުދަލަށެވެ.










