ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން 2،000 އަށްވުރެ ގިނަ މީހުންގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފި އެވެ.
އީސީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުން ފެށިގެން ފޯމު ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި، 14 ދުވަހުގެ ތެރޭގައި އެ ކޮމިޝަނުގެ މައި ޕޯޓަލް މެދުވެރިކޮށް ޖުމްލަ 3،413 ފޯމު ވަނީ ހުށަހަޅާފަ އެވެ. މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލްތަކަށް ވާދަކުރުމަށް ހުށަހެޅި 1،865 ފޯމާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ހުށަހެޅި 1،548 ފޯމެވެ.
މިހާތަނަށް ކޮމިޝަނުން ބަލައިގެންފައިވަނީ ޖުމްލަ 2،888 ކެންޑިޑޭޓުންގެ ފޯމެވެ. އެއީ ކައުންސިލް އިންތިހާބުގައި ވާދަކުރާ 1،556 ކެންޑިޑޭޓުންނާއި، އަންހެނުންގެ ކޮމިޓީތަކަށް ވާދަކުރާ 1،332 ކެންޑިޑޭޓުންނެވެ.
ސިޔާސީ ޕާޓީތަކުން ކައުންސިލްތަކަށް ވާދަކުރުމަށް 1،366 ފޯމު ހުށަހަޅާފައިވާއިރު، އަމިއްލަގޮތުން 496 ފަރާތަކުން ވަނީ ފޯމު ހުށަހަޅާފަ އެވެ. މީގެ ތެރެއިން 309 ކެންޑިޑެސީއެއް ބަލައިނުގަތުމަށް ކޮމިޝަނުން ވަނީ ނިންމާފަ އެވެ. ހަމައެހެންމެ، އަންހެނުންގެ ކޮމިޓީތަކަށް ސިޔާސީ ޕާޓީތަކުން 1،216 ފޯމު އަދި އަމިއްލަގޮތުން 332 ފޯމު ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން 216 ފޯމެއް ވަނީ ބާތިލުކޮށްފަ އެވެ.
ކެންޑިޑެސީ ގަބޫލުނުކުރަން ނިންމި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ކުށާއި ދަރަނީގެ ރެކޯޑު މުޅި އުމުރަށް ހުށަހަޅާފައިނުވުމާއި، ކުށެއް ނުވަތަ ދަރަންޏެއް އޮތްނަމަ އެކަމުގެ ތަފްސީލު ހިމަނާފައިނުވުން ހިމެނެ އެވެ. މީގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ފުރިހަމަކުރަންޖެހޭ ކުށުގެ ރެކޯޑު ހުށަހަޅާފައިނުވާ ފަރާތްތަކުގެ ފޯމުތައްވެސް ވަނީ ބަލައިނުގަތުމަށް ނިންމާފަ އެވެ.
އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މާދަމާ ހަވީރު 5:30 އެވެ.
އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިހާބުގައި ރަށު ކައުންސިލްތަކަށް 626 މެންބަރުންނާއި، ސިޓީ ކައުންސިލްތަކަށް 52 މެންބަރުން އިންތިހާބު ކުރާނެއެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށްވެސް މި އަދަދަށް މެންބަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.









