ބޮލީވުޑްގައި ބޮޑު މަގުބޫލުކަމެއް ހޯދައި، ބޮކްސް އޮފީހުގެ ރެކޯޑުތައް މުގުރާލާފައިވާ ފިލްމު "ދުރަންދަރު" ނެޓްފްލިކްސް މެދުވެރިކޮށް އާންމުންނަށް ދޫކޮށްލައިފި އެވެ.
ރަންވީރު ސިންގް އާއި ގިނަ ތަރިންތަކެއް ފެނިގެންދާ މި ފިލްމަކީ މިހާތަނަށް ބޮޑު އާމްދަނީއެއް ހޯދާފައިވާ ފިލްމެކެވެ. އެގޮތުން ފިލްމުގެ މުޅި ޖުމްލަ އާމްދަނީ 800 ކްރޯޑް ރުޕީސްއަށް ވުރެ މައްޗަށް އަރާފައިވާއިރު، އިންޑިއާގެ މާކެޓުން އެކަނިވެސް މި ފިލްމަށް ވަނީ 555.5 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފަ އެވެ.
މި ކާމިޔާބީއާއެކު، އިންޑިއާގައި މިހާތަނަށް އުފެއްދި އެންމެ ކާމިޔާބު 10 ފިލްމުގެ ތެރޭގައި "ދުރަންދަރު" ވަނީ ހިމެނިފަ އެވެ. ރަންބީރު ކަޕޫރުގެ "އެނިމަލް" ފަހަނަޅައި ގޮސް، މި ފިލްމު މިހާރު އޮތީ ލިސްޓުގެ 10 ވަނައިގަ އެވެ. މިއީ 2025 ވަނަ އަހަރު ނެރުނު ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު 10 ފިލްމުގެ ލިސްޓުން ޖާގަ ހޯދި ތިންވަނަ ފިލްމެވެ.
ފިލްމުގެ ވާހަކައިގެ އިތުރުން، އޭގެ ލަވަތަކަށް ވެސް ވަނީ ބައިނަލްއަގުވާމީ ފެންވަރުގައި ބޮޑު ތަރުހީބެއް ލިބިފަ އެވެ. އެގޮތުން ފިލްމުގެ ހުރިހާ ލަވައެއް ސްޕޮޓިފައިގެ ގްލޯބަލް ޓޮޕް 200 ލިސްޓުގައި ހިމެނިފައިވެ އެވެ. މިއީ ބޮލީވުޑް ފިލްމެއްގެ ހުރިހާ ލަވައެއް އެއްފަހަރާ ބައިނަލްއަގުވާމީ މިފަދަ ޗާޓަކަށް އެރި ފުރަތަމަ ފަހަރެވެ.
މަޝްހޫރު ޑައިރެކްޓަރު އާދިތިޔާ ދަރުގެ މި އުފެއްދުމަކީ ގޭންގްސްޓާ ސާގާއެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ. "ދުރަންދަރު" ގެ ފުރަތަމަ ބައިން ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާއިރު، މި ފިލްމުގެ ދެވަނަ ބައި ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ފިތުރު އީދުގަ އެވެ. ނެޓްފްލިކްސްއިން މި ފިލްމު މިހާރު ބަލާލެވޭނެ އިންތިޒާމު ހަމަޖެހުމާއެކު، ގިނަ ބަޔަކު އަންނަނީ މި ފިލްމު ބަލަމުންނެވެ.










