ޖަނަވާރުންގެ ހިމާޔަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް ދަނޑުވެރިކަމާ ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވަނީ މަސައްކަތްތަކެއްފަށާފައެވެ. މިދާއިރާގައި ރާއްޖޭގެ އެއްވެސް ސަރުކާރަކުން މީގެކުރިން ނުކުރާވަރަށް މިހާރު ދަނީ މަސައްކަތްފަށާ ކުރަމުންނެވެ. ހާއްސަކޮށް މަގުމަތީގައި އުޅޭ ބުޅާތަކާ ގުޅުންހުރި އެކިއެކި މައްސަލަތަކުގައި އަމަލީގޮތުން ބައިވެރިވެ، ބުޅަލަށް އަނިޔާކޮށް އިހާނެތިކޮށް ކަންތައްކުރާ ފަރާތްތަކާ ގުޅޭ މައްސަލަތައް ކަމާބެހޭފަރާތްތަކަށް ރިޕޯޓްކުރުމާއި، އެފަދަ މައްސަލަތަކާ ގުޅޭގޮތުން ތަންފީޒީ އިދާރަތަކާއި މަޝްވަރާކުރުމާއި، ބުޅަލުގެ ރައްކާތެރިކަމާ ހިމާޔަތަށް މަސައްކަތްކުރާ ފަރުދުންނާއި ޖަމިއްޔާތަކާއި އެކު މަސައްކަތްކުރުން ހިމެނެއެވެ.
އެންޖީއޯތަކާއި އެނިމަލް ވެލްފެއާ އޯގަނައިޒޭޝަންތަކާ ގުޅިގެން މަސައްކަތްކުރުން

ފީލައިން ވެލްފެއަރ އޯގަނައިޒޭޝަން އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ، ބުޅާތައް ރަޖިސްޓަރ ކުރުމާއި ފްލީ ޓްރީޓްމަންޓް ދިނުމުގެ ހަރަކާތުގެ ތެރެއިން: މި ޙަރަކާތުގައި ދަނޑުވެރިކަމާ ދިރޭތަކެއްޗާ ބެހޭ މިނިސްޓަރު ބައިވެރުވެވަޑައިގެންނެވި. - ފޮޓޯ: މިނިސްޓްރީ
ޖަނަވާރާށްކުރާ އަނިޔާވެރި އަމަލުތަކާއި އިހާނާތްތެރިކަންކަމާއި ގުޅޭގޮތުން ޖަނަވާރުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ފަރާތްތަކާއި ޖަމިއްޔާތަކުގެ އަޑުއަހާ އެފަދަ ފަރާތްތަކާއި އެކުގައި މަސައްކަތްކުރުމަށް މަޝްވަރާ ކުރަމުން މަސައްކަތްތައް ރާވަމުންނެވެ.
ރާއްޖޭގައި އެކަށީގެންވާ ހާއްސަ ގާނޫނެއް ނެތް. މިނިސްޓްރީން އެކަން އެބަ ކުރޭ!
ޖަނަވާރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖޭގައި ގާނޫނެއް ވުޖޫދު ކުރެވިފައި ނުވިނަމަވެސް، ކުރިން މަސައްކަތް ކުރެވިފައި އޮތް ގާނޫނުގެ ދެލިކޮޕީ އިތުރަށް އިސްލާހިކުރުމަށްފަހު މިހާރުވަނީ އެޓާރނީ ޖެނެރަލްގެ އޮފީހަށް ފޮނުވިފައެވެ. އެހެންކަމުން، ޖަނަވާރުތަކުގެ ރައްކާތެރިކަމުގެ ގާނޫނުތައް ހަރުދަނާ ކުރުމަށް އެމިނިސްޓްރީން އަޅާފައިވާ މުހިންމު ފިޔަވަޅެއްގެ ގޮތުން ޖަނަވާރުތަކުގެ ސިއްހަތުގެ ބިލުގެ ޑްރާފްޓް މިހާރު ވަނީ އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ. މި ބިލަކީ، ޤާނޫނަކަށް ވުމުން، ރާއްޖޭގެ ޖަނަވާރުތަކުގެ ސަލާމަތާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށް ހަރުދަނާ އޮނިގަނޑެއް ލިބިގެންދާނެ ބިލެކެވެ. މި ޤާނޫނު ތައްޔާރުކުރުމުގައި މިނިސްޓްރީން ޕްރޮއެކްޓިވްކޮށް ގެންގުޅޭ އުސޫލަކީ މިހާރު އޮތް ޤާނޫނީ އޮނިގަނޑުގައި ހުރި ތަފާތުތައް ހައްލުކުރުމަށާއި ޖަނަވާރުތަކުގެ ރައްކާތެރިކަން އިތުރަށް ކަށަވަރުކުރެވޭނެ ކަމެކެވެ.

ދަނޑުވެރިކަމާ ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ޕަރމަނަންޓް ސެކްރަޓަރީ މުހައްމަދު އަނީސް: ސާކް ގައުމުތަކުގެ ޖަނަވާރު ސިއްހަތާއި ގުޅޭ ގޮތުން ބޭއްވުނު އެކްސްޕަރޓް ކޮންސަލްޓަރޝޭން މީޓިންގް އޮން "ޕްރިޕައރޑްނަސްއޮފް މެމްބަރ ކަންޓްރީސް ފޯރ އެޑްރެސިން އެންޓިމައިކްރޯބިއަލް ރެސިސްޓަންޓް (އޭ.އެމް.އާރް) އިން ލައިވް ސްޓޮކް" ބައްދަލުވުމުގެ ތެރެއިން. - ފޮޓޯ: މިނިސްޓްރީ
ގަވާއިދާ ހިލާފަށް ކުރަމުންދާ ޖަނަވާރުގެ ވިޔަފާރިއާ ދެކޮޅަށް...
ބޭރު ގައުމުތަކުން ރާއްޖެ އެތެރެކުރެވޭ ޖަނަވާރަކީ އޭގެ ސިއްހީހާލަތު ކަށަވަރު ކުރެވިގެން އެތެރެކުރެވޭ ޖަނުވާރުކަން ޔަގީން ކުރުމަށްޓަކައި ވައިގެ ބަނދަރުތަކުގައި ގާއިމްކުރެވިފައިވާ ކަރަންޓީން ފެސިލިޓީތަކުގައި މަސައްކަތްކުރާ އެވުޒާރާގެ ކަރަންޓީން އޮފިސަރުން ދަނީ މަސައްކަތްކުރަމުންނެވެ. ޖަނަވާރު އެތެރެކުރުމަށް ބޭނުންވާ އެންމެހާ ލިޔެކިޔުންތައް ހަމައަށް ހުރިތޯބަލާ ކަށަވަރުކުރަމުންނެވެ. ހިތާމަޔަކީ ބައެއްފަރާތްތަކުން ފަރުވާކުޑަކޮށްލާ ނުވަތަ ގަސްތުގައި ލިޔެކިއުންތައް ހަމަނުކޮށް ޖަނަވާރު އެތެރެކުރާތަން މަދުންނަމަވެސް ދިމާވާކަމެވެ. މިފަދަ ހާލަތްތަކުގައި އެންމެންގެ ރައްކާތެރިކަމައްޓަކައި ހިތާދެކޮޅައްވިޔަސް ސިއްހީހާލަތު ޔަގީންނުކުރެވޭ ޖަނަވާރު ނައްތާލަން މަޖުބޫރުވެގެންދެއެވެ. ޖަނަވާރުގެ ރައްކާތެރިކަން އެކަށައެޅުމަށް ގާނޫނެއް ވުޖޫދުވުމަކީ މިފަދަ ހާދިސާތައް މަދުކޮށް ހުއްޓުވުމަށް ހަރުދަނާފިޔަފަޅުތަކެއް ލާޒިމްކުރުވާނެކަމެކެވެ. އަދި މިފަދަކަންކަން ކުރާފަރާތްތަކާއިމެދު ގާނޫނީފިޔަވަޅު އެޅޭނެ މަގު ތަނަވަސްވެގެންދާނެ ކަމެކެވެ.
މަގުމަތީ ބުޅާތަކަށް އިސްނެގުމެއް

ކެޓް ޝެލްޓަރ އަށް ކަރަންޓު ޙިދްމަތް ފޯރުކޮށްދިނުމާ ގުޅޭ ގޮތުން މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ ޑެޕިއުޓީ މިނިސްޓަރ ފާތިމަތު ޒުހުރާ އަދި އެނިމަލް ވެލްފެޔާގެ ޓީމުން ސްޓެލްކޯގެ އިސް ބޭފުޅުންނާއި މަޝްވަރާ ކުރައްވަނީ - ފޮޓޯ: މިނިސްޓްރީ

ކެޓް ޝެލްޓަރ އަށް ފެނާއި ނަރުދަމާ އެޅުމާއި ގުޅޭ ގޮތުން އެމްޑަބްލިއުއެސްސީގެ އިސްވެރިންނާއި، މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ އިސްވެރިން ބައްދަލުކުރައްވައި މަޝްވަރާ ކުރައްވަނީ - ފޮޓޯ: މިނިސްޓްރީ
މަގުމަތީގައި އުޅޭ ބުޅާތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން ގުދުރަތީ ކާރިސާތަކާއި ގުޅިގެން ވަގުތީގޮތުން ރައްކާތެރި މާހައުލަކަށް ގެންދަންޖެހޭފަދަ ހާލަތުގައި ބުޅާތައް ގެންދާނެ ކުޑަނަމަވެސް ތަނެއް މިހާރުވަނީ ގާއިމްކުރެވިފައެވެ. ސަރުކާރުގެ ކަމާގުޅުންހުރި އެހެނިހެން މުއައްސަސާތަކާއި ގުޅިގެން، ޖަނަވާރުގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ޖަމިއްޔާއެއްގެ 100% އެހީތެރިކަމާއި އެކު ގާއިމްކުރެވުނު މިތަނަކީ އެންމެފަހުން މާލެއަށް މިކުރި ވިއްސާރައިގެ ދުވަސްވަރު ގާއިމްކުރެވުނު ތަނެކެވެ. މިތަނަކީ މުސްތަގުބަލުގައިވެސް މިފަދަ ކާރިސާތަކާއި ހާދިސާތަކާއި ކުޅިގެން ބޭނުންކުރެވޭނެ އިމަރޖަންސީ ރެސްކިއު ފެސިލިޓީއެކެވެ.

މާލެއަށް މިހާރު ކުރަމުންދާ ވިއްސާރައިގަ މަގުމަތީގައި އުޅޭބުޅާތައް ވަގުތީގޮތުން ރައްކާތެރި މާހައުލަކަށް ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން - ފޮޓޯ: މިނިސްޓްރީ
ވުޒާރާއިން ކުރަމުންދާ އެންމެ މުހިންމު އެއްމަސައްކަތަކީ ޖަނަވާރުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތުގެ ތެރެއިން މަގުމަތީގައި އުޅޭބުޅާތަކަށް ރައްކާތެރި މާހައުލެއް ގާއިމްކޮށްދިނުމަށް ހުޅުމާލޭ ފޭސް 2 ގައި ބިނާކުރަން ފަށާފައިވާ ވަގުތީ ކެޓްޝެލްޓަރގެ މަސައްކަތް ހަލުވިދުވެލީގައިކޮށް ނިންމާލުމުގެ މަސައްކަތެވެ. އެގޮތުން މިހާރުކުރެވެމުންދާ މަސައްކަތުގެ ތެރޭގައި ނިމުމަކާއި ގާތްވެފައިވާ ވަގުތީ ކެޓް ޝެލްޓަރއަށް ކަރަންޓާއި ފެނުގެ ހިދުމަތް ގުޅާލުމަށް ކުރެވޭމަސައްކަތް ހިމެނެއެވެ. މީގެ އިތުރުން ވަގުތީ ކެޓް ޝެލްޓަރ އަށާއި އެތަނާ އިންވެގެން ހުންނަ ވެޓްނަރީ ކުލިނިކަށް ބޭނުންވާ މުވައްޒަފުންނާއި ތަކެތި ހޯދުމުގެ މަސައްކަތްވެސް ހިމެނެއެވެ.



