މޯލްޑިވްސް ގާލްގައިޑްސް އެސޯސިއޭޝަންގެ 2025 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން އަދި ޗީފް ގައިޑް، މެޑަމް ސާޖިދާ މުހައްމަދު މިއަދު ޝަރަފުވެރިކޮށްދެއްވައިފި އެވެ.
މިއަދު ހެނދުނު މޫކާއި ހޮޓަލުގައި ބޭއްވި މި ޖަލްސާއަށް ފަސްޓްލޭޑީ ވަޑައިގަތުމުން އެކަމަނާއަށާއި، މި ރަސްމިއްޔާތުގެ ހާއްސަ މެހެމާން، ވޯލްޑް އެސޯސިއޭޝަން އޮފް ގާލް ގައިޑްސް އަދި ގާލް ސްކައުޓްސްގެ އޭޝިއާ ޕެސިފިކް ރީޖަނަލް ކޮމިޓީގެ ޗެއާ އަށް ވަނީ ގާޑް އޮފް އޮނާއެއް އަރުވާފަ އެވެ.
މި ޖަލްސާގައި 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ އާއި، ވޭތުވެދިޔަ އަހަރުގެ އަހަރީ ރިޕޯޓުގެ އިތުރުން މާލީ ބަޔާން ވަނީ ފާސްކޮށްފަ އެވެ. އަދި އޭޝިއާ ޕެސިފިކް ރީޖަންގެ ޗެއާޕާސަން ނިއުމަތު ޝަފީޤަށް، އެކަމަނާ ކޮށްދެއްވާފައިވާ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން 'ޓޯކަން އޮފް އެޕްރިސިއޭޝަން' އެއް ވަނީ އަރުވާފަ އެވެ.
ޖަލްސާގައި ވާހަކަދައްކަވަމުން ނިއުމަތު ޝަފީޤު ވިދާޅުވީ، ރާއްޖޭގެ ގާލްގައިޑުންނާއި ލީޑަރުންނަކީ މުޖުތަމައުގައި ދިމާވާ ކޮންމެ ކަމަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބި ބައެއް ކަމަށެވެ. އަދި ގާލްގައިޑް ހަރަކާތްތައް ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ކުރިއަށް ގެންދިއުމުގެ މުހިއްމުކަން ފާހަގަކުރައްވައި، ސްކޫލް ކުދިންގެ އިތުރުން މުޖުތަމައުގެ އެހެން ފަރާތްތައްވެސް މި ހަރަކާތުގައި ބައިވެރިވެ، މުސްތަގުބަލުގައި މި މަސައްކަތް ކުރިއަށް ގެންދާނެ ލީޑަރުން އުފެއްދުމަކީ އަމާޒަކަށް ހަދަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ގާލްގައިޑްސް އެސޯސިއޭޝަނާއެކު ފަސްޓް ލޭޑީ ސާޖިސާ މުހައްމަދު. / ފޮޓޯ: ރައީސް އޮފީސް
އެސޯސިއޭޝަންގެ މާލީ ހާލަތަށް ބަލާއިރު، މިދިޔަ އަހަރު އެކި ބްރާންޗުތަކުގެ ޔުނިފޯމާއި އެހެނިހެން ފީތަކުން ޖުމްލަ 2.7 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ. މީގެ ތެރެއިން 47 އިންސައްތައަކީ ލިޓިލްމެއިޑް ބްރާންޗުން ލިބުނު އާމްދަނީ އެވެ. ނަމަވެސް، ފާއިތުވި ދެ އަހަރާ އަޅާބަލާއިރު އާމްދަނީ ވަނީ 21 އިންސައްތަ ދަށްވެފަ އެވެ. މިދިޔަ އަހަރު ސަރުކާރުން 5 ލައްކަ ރުފިޔާގެ އެހީއެއް ދީފައިވާއިރު، އަމިއްލަ ފަރާތްތަކުން ވަނީ 1.7 ލައްކައަށްވުރެ ގިނަ ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
1948 ވަނަ އަހަރު އުފެދުނު މޯލްޑިވްސް ގާލްގައިޑްސް އެސޯސިއޭޝަނަކީ އަންހެން ކުދިންނާއި އަންހެނުން ބާރުވެރިކުރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ޖަމިއްޔާއެކެވެ. މިހާރުވެސް ރާއްޖޭގެ 88 ސްކޫލަކުން 14,000 އަށްވުރެ ގިނަ ކުދިން މި ހަރަކާތުގައި އަންނަނީ ބައިވެރިވަމުންނެވެ.










