ބީއެމްއެލް ކުޑަހުވަދޫ ބުރާންޗުގެ އާ އިމާރާތް ހުޅުވައިފި

މުހައްމަދު ޖަމްޝަތު | 3 ދުވަސް ކުރިން - 31 ޖެނުއަރީ 2026 14:46
ބީއެމްއެލްގެ ދ. ކުޑަހުވަދޫ ބުރާންޗުގެ އާ އިމާރާތް---ފޮޓޯ: ބީއެމްއެލް
ބީއެމްއެލްގެ ދ. ކުޑަހުވަދޫ ބުރާންޗުގެ އާ އިމާރާތް---ފޮޓޯ: ބީއެމްއެލް
ޚުލާސާ

ކުޑަހުވަދޫގައި އަލަށް ހުޅުވި އިމާރާތަކީ ޕޭޕާ ލެސް ނުވަތަ ޑިޖިޓަލް ބޭންކިން ނިޒާމު ހިމެނޭ ބްރާންޗެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ދ. ކުޑަހުވަދޫ ބުރާންޗުގެ އާ އިމާރާތް ރަސްމީކޮށް ހުޅުވައި، ހިދުމަތްދޭން ފަށައިފި އެވެ.

ކުޑަހުވަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ބްރާންޗު ހުޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އެވެ. މި ރަސްމިއްޔާތުގައި ބޭންކުގެ އިސްވެރިންނާއި، އަތޮޅު ކައުންސިލް މެންބަރުންގެ އިތުރުން އެރަށު ކައުންސިލްގެ މެންބަރުންނާއި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ރައްޔިތުންނަށް އެމީހަކު ދިރިއުޅޭ ރަށެއްގައި ތިބެގެން ގިނަ ޚިދުމަތްތަކެއް ލިބޭނެ މަގު ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. މީގެ އިތުރުން، ކުޑަހުވަދޫއަކީ އާބާދީ ބޮޑު އަދި އަތޮޅުގެ ވެރިކަން ކުރާ ރަށަށް ވުމާއެކު، މި ބްރާންޗުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ބީއެމްއެލުން މައުލޫމާތު ދޭ ގޮތުގައި ކުޑަހުވަދޫގައި އަލަށް ހުޅުވި ބްރާންޗަކީ ޕޭޕާ ލެސް ނުވަތަ ޑިޖިޓަލް ބޭންކިން ނިޒާމު ހިމެނޭ ބްރާންޗެކެވެ. މި ބްރާންޗުން އިސްލާމީ ޝަރީއަތާ އެއްގޮތަށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ބޭންކިންގެ ހިދުމަތްތައް ފޯރުކޮށްދޭނެ އެވެ. ރަސްމީ ގަޑިތަކުގައި އެކައުންޓް ހުޅުވުމާއި، ލޯނު ދޫކުރުމުގެ މަސައްކަތްތަކުގެ އިތުރުން ކާޑުގެ ހިދުމަތްތައް ވެސް މި ބްރާންޗުން ލިބިގެންދާނެ އެވެ.

Ad

މީގެ އިތުރުން، އެހެން ބްރާންޗުތަކެކޭ އެއްފަދައިން ކުޑަހުވަދޫ ބްރާންޗުންވެސް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލްތަކަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ސެލްފް ސާވިސް އޭޓީއެމް މެދުވެރިކޮށް ލިބޭނެ އެވެ. މި އާ އިމާރާތާއެކު ބީއެމްއެލްގެ ވިއުގަ އިތުރަށް ފުޅާވެފައިވާއިރު، މިހާރު 20 އަތޮޅެއްގައި 43 ބްރާންޗާއި، ގިނަ އަދަދެއްގެ އޭޓީއެމް އަދި 200 އަށްވުރެ ގިނަ ކޭޝް އޭޖެންޓުން މެދުވެރިކޮށް ބޭންކުން ދަނީ ހިދުމަތް ދެމުންނެވެ.

ބޭންކް އޮފް މޯލްޑިވްސްއަކީ 1982 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބޭންކިން ހިދުމަތް ދެމުން އަންނަ ގައުމީ ބޭންކެވެ. ބޭންކުގެ އަމާޒަކީ އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު، އާންމު ފަރުދުންނާއި ވިޔަފާރިތަކުގެ އިތުރުން މުޅި މުޖުތަމައަށް ބޭންކިން ހިދުމަތް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.


Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%