އެމެރިކާއިން ދެ ނޫސްވެރިއަކު ހައްޔަރު ކުރުމަކީ އެއީ އެމެރިކާއިން ނޫސްވެރިކަމަށް ދިން ހަމަލާއެއް ކަމަށް "ޖާނަލިޒަމް މީޑިއާ ވޮޗް"އިން ބުނެފިއެވެ.
ބައިނަލްއަގްވާމީ ގޮތުން ނޫސްވެރިންނަށް ދޭ ހަމަލާތަކާ ދެކޮޅަށް އަޑު އުފުލާ އިންސާނީ ހައްގުތަކާ ބެހޭ ނޫސްވެރިކަމުގެ ޖަމިއްޔާއެއް ކަމަށްވާ "ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިޒަމް"އިން ވެސް ވަނީ އެއީ މީޑިއާއަށް އެމެރިކާއިން ދިން ވަރުގަދަ ހަމަލާއެއް ކަމަށާއި އެއީ ހިޔާލު ފާޅުކުރުން ފިއްތާލުމަށް ކުރި އަމަލެއް ކަމަށް ބުނެފަ އެވެ.
ސީއެންއެންގެ ކުރީގެ ނޫސްވެރިއެއްކަމުގައިވާ ޑޮން ލެމަން އާއި އެމެރިކާގެ މިނިސޯޓާ ސްޓޭޓްގައި މިނިވަން ނޫސްވެރިއަކު ވެސް މިނިސޯޓާގައި ހައްޔަރުކޮށްފައި ވަނީ އެމެރިކާގެ ފެޑެރަލް އެޖެންސީން ހިންގާ އަމަލުތައް ދުނިޔެއަށް ހާމަކުރުމުގެ މަސައްކަތުގައި އުޅެނިކޮށެވެ.
ނޫސްވެރިން ހިމާޔަތްކުރާ ކޮމިޓީން ވަނީ މިއީ އެމެރިކާގެ ނޫސްވެރިކަމަށް ދިން ބިރުވެރި ހަމަލާއެއް ކަމަށް ބުނެ ނޫސްވެރިންނާ ދެކޮޅަށް ހިންގާ އަމަލުތައް ކުށްވެރިކޮށްފަ އެވެ. އަދި އެއީ ހަމައެކަނި ނޫސްވެރިކަމަށް ދިން ހަމަލާއެއް ނޫން ކަމަށާއި އެއީ އިންސާނީ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހިމާޔަތްކުރާ އެމެރިކާގެ ގާނޫނު އަސާސީގެ ފުރަތަމަ އިސްލާހަށް ދިން ހަމަލާއެއް ކަމަށް ވެސް ބުނެފަ އެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގައި ހަރަކާތްތެރިވާ އެ ޖަމިއްޔާއިން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ ނޫސްވެރިން ހައްޔަރުކޮށް ނޫސްވެރިކަމަށް ދިން ހަމަލާއަކީ އެމެރިކާގައި ނޫސްވެރިންނާ ދެކޮޅަށް ހިންގާ ސިލްސިލާގެ އެންމެ ފަހުގެ ހަމަލާއެއް ކަމަށް ވެސް ބުނެފަ އެވެ.
ނޫސްވެރިންނަށް "ހަމަލާ" ދިނުމުގެ ކަންތައްތައް ކުރިން އާންމުކޮށް ހިންގަމުން އައީ ބަލިކަށި ޑިމޮކްރަސީ އޮންނަ ގައުމުތަކާއި ހުދުމުހުތާރު ނިޒާމުތަކެއް ގާއިމުވެފައި އޮންނަ ދައުލަތްތަކުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓާއި އެމެރިކާގެ ކޮންގްރެސް ހިމެނޭ ގޮތަށް އެހެން މުއައްސަސާތަކުން ވެސް މިކަންކަން ފާހަގަކުރި އެވެ.
އެމެރިކާގެ ވެރިކަމުގެ ފަރާތުން ގައުމުތަކުގައި ކުރިން ހިންގާފައިވާ ނޫސްވެރިންނާ ދެކޮޅު އަމަލުތައް ކުރިން ކުށްވެރިކޮށް އެފަދަ ގައުމުތަކަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ އިންޒާރު ދީފައި ވެއެވެ. އެކަމަކު މިހާރު އެމެރިކާއިން ވަނީ އަމިއްލަ ގައުމުގެ މީޑިއާއާ ދެކޮޅަށް އަނިޔާވެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.
ނޫސްވެރިންނާ ދެކޮޅަށް އެމެރިކާއިން އެޅި ފިޔަވަޅުތަ ވަރަށް ގިނަ ޖަމާއަތްތަކުން ވަނީ ފާޑުކިޔައި އެކަން ކުށްވެރިކޮށްފަ އެވެ.










