ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހެޅުމަށް ހުޅުވާލާފައިވާ މުއްދަތު މާދަމާގެ ނިޔަލަށް ހަމަވާނެ އެވެ. އިލެކްޝަންސް ކޮމިޝަނުން މި ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށެވެ.
އިންތިހާބުގައި ވާދަކުރަން އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ އިލެކްޝަންސް ކޮމިޝަންގެ މައި ޕޯޓަލް މެދުވެރިކޮށެވެ. ކެންޑިޑޭޓުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ފޯމު ހުށަހަޅާ ވަގުތު މިހާރު ވަނީ އިތުރުކޮށްފަ އެވެ. އެގޮތުން، އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 8:30 އިން ހަވީރު 5:30 އަށް ޕޯޓަލް މެދުވެރިކޮށް ފޯމު ބަލައިގަންނާނެ އެވެ.
އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ނިޒާމަކީ ފޯމު ހުށަހަޅާ ފަރާތްތަކަށާއި ކޮމިޝަންގެ މުވައްޒަފުންނަށް ފަސޭހަކޮށްދިނުމަށް ތައާރަފްކުރި ނިޒާމެކެވެ. މި ނިޒާމުގެ ސަބަބުން މައުލޫމާތުގެ ސައްހަކަން އަވަހަށް ކަށަވަރުކުރެވި، ކެންޑިޑެސީއާ މެދު ކޮމިޝަނުން ނިންމާ ގޮތް ކުރު މުއްދަތެއްގެ ތެރޭގައި ކެންޑިޑޭޓުންނަށް އެނގިގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.
ކެންޑިޑެސީ ފޯމުތައް ހުށަހަޅާއިރު ބައެއް ފަރާތްތަކުގެ ފޯމުތައް ބާތިލުވާ މައިގަނޑު ސަބަބުތަކެއް ވެސް ކޮމިޝަނުން ވަނީ ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި ކުށާއި ދަރަނީގެ ރެކޯޑު ފުރިހަމައަށް ހުށަނޭޅުމާއި، ކަރެކްޝަނަލް ސާވިސްގެ ރެކޯޑުތައް މަދުވުން ހިމެނެ އެވެ. އެހެންކަމުން، ފޯމު ހުށަހަޅާއިރު މިފަދަ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.
އަންނަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިހާބުގައި ރަށު ކައުންސިލްތަކަށް 626 މެންބަރުން އަދި ސިޓީ ކައުންސިލްތަކަށް 52 މެންބަރުން އިންތިހާބު ކުރާނެ އެވެ. މީގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވެސް އެ އަދަދަށް މެންބަރުން ހޮވުމަށް ވަނީ ހަމަޖެހިފައެވެ.
މިފަހަރުގެ އިންތިހާބުގައި ޖުމްލަ 294,937 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ. މީގެ ތެރޭގައި ހިމެނެނީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ. މިހާތަނަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވަނީ އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހަޅާފަ އެވެ.









