އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އަކީ "ޓެރަރިސްޓް ޖަމާއަތެއްގެ" ގޮތުގައި ކަނޑައެޅުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ފޮރިން މިނިސްޓަރުންތައް އެއްބަސް ވެއްޖެއެވެ.
އީޔޫ އިން މިކަމަށް މަސައްކަތް ކުރަމުން ގެންދާތާ ދުވަސްތަކެއް ވެއްޖެއެވެ. މިއީ އެމެރިކާ އާއި އިނގިރޭސީވިލާތް އަޑީގައި އޮވެގެން ކުރި ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
އީޔޫ އިން މި ގޮތަށް ނިންމުމުން އެ ކޮމިޝަންގެ ރައީސް އުރުސުލާ ފޮން ޑަރ ލޭއެން ވަނީ މިކަމަށް މަރުހަބާ ކިޔާފައެވެ.
އައިއެސް (ދާއިޝް)، ހަމާސް، ހިޒްބުالله އަދި އަލްގައިދާއާ އެއް ލިސްޓެއްގައި އައިއާރުޖީސީ ހިމެނޭނެ ކަމަށް އިޝާރާތް ކުރަމުން އީޔޫ އިން ބުނީ ޓެރަރިސްޓުންނަށް އެހީ ފޯރުކޮށްދޭ މީހުންނަކީ ވެސް ޓެރަރިސްޓުންގެ ގޮތުގައި ބަލަން ޖެހޭ ކަމަށެވެ.
މިކަމާއި ގުޅިގެން އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް ޢަރާޤްޖީ ވިދާޅުވީ ޔޫރަޕުން އުޅެނީ ފިތުނައިގެ އަލިފާނުގެ ހުޅުގަނޑަށް ދަރު އެޅުމުގައި އަވަދިނެތި ކަމަށެވެ.










