މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދިނުމުގެ ގޮތުން ކުރިއަށްގެންދާ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފަށައިފި އެވެ.
ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފަށާފައިވާކަން ހާމަކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. އެގޮތުން އެ މަނިކުފާނު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް މިއަދު ހެނދުނު ފަށާފައިވާ ކަމަށެވެ.


ގިރާވަރުފަޅުން ހިއްކުމަށް ހަމަޖެހިފައިވަނީ 169 ހެކްޓަރުގެ ބިމެކެވެ. ސަރުކާރުން މީގެ ކުރިން ވަނީ 56 ހެކްޓަރުގެ ބިން އެ ސަރަހައްދުން ހިއްކައިފަ އެވެ. އެހެންކަމުން ގިރާވަރުފަޅުން ދެން ހިއްކަން ޖެހޭނީ 113 ހެކްޓަރުގެ ބިމެކެވެ.
ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތަށް ރާއްޖެއަށް ގެނައި ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖާ އޮރަންޖީއާ ޑްރެޖަރު ބޭނުންކޮށްގެންނެވެ. މި ޑްރެޖަރަކީ ދުނިޔޭގެ އެންމެ ބޮޑެތި ޑްރެޖަރުތަކުގެ ތެރެއިން ޑްރެޖަރަކަށްވާއިރު، މިއީ އެއްފަހަރާ 22,000 ކިއުބިކް މީޓަރުގެ ވެލި ނެގުމުގެ ކެޕޭސިޓީ އޮތް ބޮޑު ޑްރެޖަރެކެވެ.
ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް މިއަދު ފަށާފައިވާއިރު، އެތަނުން ގޯތި ލިބުނު މީހުންގެ ގުރު ނެގުން މާދަމާ ކުރިއަށް ގެންދިއުމަށް ހައުސިން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. ގިރާވަރުފަޅުގެ އާ ލޭންޑް ޔުސް ޕްލޭންގައިވާ ގޮތުން އެތަނުން ޖުމްލަ 4،072 ގޯތި ދޫކުރާނެ އެވެ.
ގިރާވަރުފަޅުން ދޫކުރާ ގޯތީގެ އަދަދާއި ގޯތީގެ ބޮޑުމިނުގެ ތަފްސީލު:
- 1،250 އަކަފޫޓުގެ 2،603 ގޯތި
- 1،650 އަކަފޫޓުގެ 1،214 ގޯތި
- 2،050 އަކަފޫޓޫގެ 254 ގޯތި
- 2،450 އަކަފޫޓުގެ އެއް ގޯތި
ގިރާވަރު ހިއްކުމުގެ މަސައްކަތް މިއަދު ފަށާފައިވާއިރު، ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިންހިއްކުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލައިފަ އެވެ. މި މަސައްކަތްތައް ކުރިއަށްގެންދަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިންނެވެ.








