ސަނީ ޑިއޯލް މުހިންމު ރޯލަކުން ފެނިގެންދާ ހަނގުރާމަވީ ފިލްމު "ބޯޑަރ 2" ސިނަމާތަކުގައި ދައްކަން ފެށިތާ އެންމެ ހަ ދުވަސް ތެރޭގައި ބޮޑެތި ކާމިޔާބީތަކެއް ހޯދައި، 2026 ވަނަ އަހަރު މިހާތަނަށް ނުކުތް އިންޑިއާގެ އެންމެ އާމްދަނީ ބޮޑު ފިލްމުގެ ޝަރަފު ހޯދައިފި އެވެ. މި ފިލްމުގެ އާމްދަނީ ދުުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، މިއީ ގިނަ ބައެއްގެ މަގުބޫލުކަން ލިބެމުންދާ ފިލްމެކެވެ.

ސަނީ ޑިއޯލްގެ އިތުރުން ވަރުން ދަވަން، ދިލްޖީތު ދޯސަންޖް އަދި އަހާން ޝެޓީ މުހިންމު ރޯލުތަކުން ފެނިގެންދާ މި ފިލްމު ރިލީޒްކުރި ފުރަތަމަ ހަތަރު ދުވަހު އެކަނިވެސް 180 ކްރޯޑް ރުޕީސް ހޯދާފައި ވެއެވެ. މީގެ ތެރޭގައި އިންޑިއާގެ ޖުމްހޫރީ ދުވަހު ލިބުނު 59 ކްރޯޑް ރުޕީސްގެ ބޮޑު އާމްދަނީ ހިމެނެ އެވެ. ފިލްމު ދައްކަން ފެށިތާ ހަވަނަ ދުވަސް ކަމަށްވާ ބުދަ ދުވަހާ ހަމައަށް އިންޑިއާގެ މާކެޓުން އެކަނިވެސް 213 ކްރޯޑް ރުޕީސް މި ފިލްމަށް ވަނީ ލިބިފަ އެވެ.

ބައިނަލްއަގުވާމީ މާކެޓުގައިވެސް "ބޯޑަރ 2" އަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ. ބޭރުގެ މާކެޓްތަކުން 4.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައިވާއިރު، ހަ ދުވަހުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ފިލްމަށް ލިބުނު ޖުމްލަ އާމްދަނީ ވަނީ 295 ކްރޯޑް ރުޕީސްއަށް އަރާފަ އެވެ.

މި ކާމިޔާބީއާއެކު، "ބޯޑަރ 2" މިވަނީ ޕްރަބާސްގެ "ދަ ރާޖާ ސާބް" (207 ކްރޯޑް) އާއި ޗިރަންޖީވީގެ "މަނާ ޝަންކަރަ ވަރަޕްރަސާދު ގާރޫ" (278 ކްރޯޑް) ފަހަތަށް ޖައްސާލުމަށްފަހު، 2026 ވަނަ އަހަރުގެ އެންމެ ކުރީގައި އޮތް ފިލްމަށް ވެފަ އެވެ. ބެލެވޭ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި މި ފިލްމުގެ އާމްދަނީ 400 ކްރޯޑަށްވުރެ މައްޗަށް އަރާނެއެވެ.

2026 ވަނަ އަހަރުގެ އެންމެ އާމްދަނީ ބޮޑު އިންޑިއާ ފިލްމުތައް (ޖެނުއަރީ 28 އާ ހަމައަށް):

  1. ބޯޑަރ 2 - 295 ކްރޯޑް ރުޕީސް
  2. މަނާ ޝަންކަރަ ވަރަޕްރަސާދު ގާރޫ - 278 ކްރޯޑް ރުޕީސް
  3. ދަ ރާޖާ ސާބް - 207 ކްރޯޑް ރުޕީސް
  4. ޕަރަޝަކްތީ - 85 ކްރޯޑް ރުޕީސް
  5. އަނަގަނަގަ އޮކަ ރާޖޫ - 78 ކްރޯޑް ރުޕީސް

ޖޭ.ޕީ ދައްތާ އާއި ބޫޝަން ކުމާރު ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގައި މޯނާ ސިންގް، ސޯނަމް ބަޖްވާ، މެދާ ރާނާ އަދި އާންޔާ ސިންގް ފަދަ ތަރިންވެސް ހިމެނެއެވެ. ފިލްމަށް ލިބެމުންދާ ބޮޑު ކާމިޔާބީއާ ގުޅިގެން، "ބޯޑަރ 3" އެއް އުފެއްދުމުގެ ވިސްނުން ގެންގުޅޭ ކަމަށް ޓީ-ސީރީޒްއިން ވަނީ ބުނެފަ އެވެ.