އެމެރިކާއިން ހުށަހަޅާ ޝަރުތުތައް ފުރިހަމަ ނުކުރާނަމަ އީރާން އަނބުރާ ގަދީމީ ޒަމާނަށް ފޮނުވާލާނެ ކަމުގެ އިންޒާރު އެމެރިކާއިން ދީފި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނަށް ދޭ އިންޒާރުތައް އިތުރުކުރައްވައި އެމެރިކާއިން ތެހެރާނަށް ހުށަހަޅާ ކަންތައްތަކަށް އީރާނުން އަމަލު ނުކޮށްފިނަމަ އެމެރިކާއިން އަވަސް އަދި ހަރުކަށި ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރު ތަކުރާރު ކުރައްވާފަ އެވެ.
ޓްރަމްޕްގެ މި އިންޒާރު އައީ ސީދާ އީރާނަށް ހަމަލާ ދިނުމަށް ސަރަހައްދަށް އެމެރިކާއިން ގިނައަދަދެއްގެ ހަތިޔާރު ޖަމާކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
އެމެރިކާގެ މަތިންދާބޯޓު އުފުލާ ބޯޓު އަބްރަހަމް ލިންކަން އާއި އެކު އެހެން މަނަވަރުތަކާއި ބޮން އަޅާ ބޯޓުތަކާއި ހަނގުރާމަވެރި ޖެޓްތައް މިހާރު ދަނީ އީރާން ސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ.
ޓްރަމްޕް ވަނީ އަސްކަރީ ގޮތުން އެމެރިކާއިން ތައްޔާރުވެފައިވާ މިންވަރަށް ބައްލަވާލައްވައި މިދިޔަ އަހަރުގެ ފަހުކޮޅު ވެނެޒުއެލާ ކައިރީގައި އެމެރިކާއިން ހިންގި އޮޕަރޭޝަނާ ގުޅޭ ގޮތުން ވެސް ވާހަކަދައްކާފަ އެވެ.
އެމެރިކާގެ އަސާސީ ތިން ޝަރުޠު
ޓްރަމްޕް އެދޭ ކަންތައްތަކުގެ ތަފްސީލެއް ނުދީ، ހަމައެކަނި ބުނީ "ބޮޑު ފްލީޓެއް އީރާނާ ދިމާއަށް މިސްރާބު ޖަހާ"ފައި ވާކަމަށެވެ. އަދި އީރާނުން އެމެރިކާ އާއެކު އެއްބަސްވުމެއް ހެދުމަށް އޭނާ ވަނީ އިލްތިމާސްކޮށްފަ އެވެ.
އެމެރިކާ އާއި ޔޫރަޕްގެ އޮފިޝަލުން ބުނާ ގޮތުގައި މަޝްވަރާތަކުގައި އީރާނުގެ އިސްވެރިންގެ ކުރިމައްޗަށް މައިގަނޑު ތިން ކަމެއް އެމެރިކާއިން ހުށަހަޅާފައިވެ އެވެ.
ފުރަތަމަ ކަމަކީ ޔޫރޭނިއަމް މުއްސަނދިކުރުމުގެ ހުރިހާ ކަމެއް ދާއިމީ ގޮތެއްގައި އީރާނުން ހުއްޓާލުމެވެ.
ދެވަނަ ކަމަކީ އީރާނުގެ ބެލިސްޓިކް މިސައިލް ފޮނުވޭ ދުރުމިނާއި އުފައްދާ އަދަދު އެމެރިކާއިން ހުށަހަޅާ ގޮތަކަށް ހެދުމެވެ.
ތިންވަނަ ކަމަކީ ހަމާސް، ހިޒްބުالله އަދި ޔަމަނުގެ ހޫތީން ފަދަ ޖަމާއަތްތަކަށް އީރާނުން ވަމުންގެންދާ އެހީތައް ހުއްޓާލުމެވެ.
އޭގެ އިތުރަށް އީރާނުގެ ވެރިންނާ ދެކޮޅަށް މުޒާހަރާ ކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު ނޭޅުމެވެ.
ފާހަގަކޮށްލަންޖެހޭ ކަމަކީ ޑިސެމްބަރު މަހު އީރާނުގެ މަގުތަކަށް ނިކުމެ އެ ގައުމުގެ އެތައްހާސް ބަޔަކު ކުރި މުޒާހަރާތަކުގެ ސަބަބުން އެގައުމުގައި ސިޔާސީ އާ ހަލަބޮލިކަމެއް އުފެދިގެން ދިއުމެވެ. މުޒާހަރާގެ ބައިވެރިންގެ ހިމާޔަތުގައި ގިނަކަންތައްތަކެއް ކޮށްދޭނޭކަމަށް އެމެރިކާއިން ވައުދުވިޔަސް އެއިން ކަމެއް ނުކުރެވެ އެވެ. އަދި އެއިން ވާހަކައެއް އެމެރިކާގެ މަސްއޫލުވެރިއަކު މިހާރު ދައްކަވަނީ ވެސް މަދުފަހަރެއްގަ އެވެ.
މުޒާހަރާތަކުގައި އީރާނުން މަރުވި މީހުންގެ އަދަދަކީ 3،117 ކަމަށް ސަރުކާރުން ބުނިކަމަށްވިޔަސް އިންސާނީ ހައްގުތަކާ ބެހޭ ޖަމާއަތްތަކުން ވަނީ އެ އަދަދު އެތައް ގުނައެއް އިތުރުވާނެކަމަށް ލަފާކޮށްފަ އެވެ.
އަސްކަރީ އިންޒާރާއި އީރާނުގެ ރައްދު
ވެނެޒުއެލާގައި އެމެރިކާއިން މި ޖެނުއަރީމަހުގެ ތިން ވަނަ ދުވަހު ހިންގިފަދަ އިންސާފެއް ނެތް އަނިޔާވެރި އަސްކަރީ އޮޕަރޭޝަނަށް ފަހު އީރާނުގައި ވެސް އެފަދަ އޮޕަރޭޝަނެއް ހިންގަން އެމެރިކާއިން އުއްމީދު ކުރަމުން ގެންދާ ކަމުގެ ހެކިތައް ދަނީ ފެންނަމުންނެވެ. އެމެރިކާއިން ބޭނުން ވަނީ އީރާނުގެ ދީނީ ލީޑަޝިޕާއި ގުދުސް ފޯސްއަށް އިންޒާރުދީ ބިރުދެއްކުމުގެ އިތުރަށް އީރާނުގެ "ވެރިކަމުގެ ބޯ ކަނޑާލާނެ" ގޮތެއް ހޯދުމެވެ.
ބުދަ ދުވަހު ތެހެރާނުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އީރާނުގެ ހާރިޖީ ވަޒީރު އަރަކްޗީ ވިދާޅުވީ އެމެރިކާއާ އެއްވެސް ބައްދަލުވުމެއް ބޭއްވުމަށް އީރާނުން އެދިފައި ނުވާ ކަމަށެވެ. އޭނާ ސާފުކޮށްދެއްވީ "އަސްކަރީ އިންޒާރުތަކުގެ ތެރެއިން ޑިޕްލޮމެސީއަކީ ފައިދާހުރި ކަމެއް ނޫން" ކަމަށެވެ.
އޭނާ އިންޒާރު ދެއްވީ ފުރިހަމަ ހަނގުރާމައެއް ހިނގައިފިނަމަ އެއީ "ވަރަށް ބިރުވެރި، އަދި ދިގު މުއްދަތަކަށް ދެމިގެންދާނެ ހަނގުރާމައަކަށް ވާނެ" ކަމަށެވެ.
އީރާނަށް އެމެރިކާއިން ދޭ ހަމަލާތައް ރޭވުމުގައި އެމެރިކާއަށް ގެއްލުމެއް ނުވެ، އެމީހުންގެ މަގުސަދުތައް ހާސިލުކޮށްގެން ދެ އަތް ފޮޅާލާފައި ދިއުމަށް ވަރަށް ބޮޑަށް އިސްކަންދީފައިވެ އެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނު މިހާރު ވެސް ބަލިކަށިވެފައިވާއިރު، ހަނގުރާމައަކުން އީރާނު އިތުރަށް ބަލިކަށިވާނެ އެވެ. މިދިޔަ އަހަރުގެ ޖޫން މަހު އިޒުރޭލާ ކުރި 12 ދުވަހުގެ ހަނގުރާމައިގެ ސަބަބުން އެމެރިކާއިން ވަނީ މުހިންމު ތިން ނިއުކްލިއާ ސައިޓަކަށް (ނަޓަންޒް، ފޯޑޯ އަދި އިސްފާހާން) ވައިގެ ހަމަލާތަކެއް ދީފަ އެވެ.
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް "ހަލާކުވެފައިވާ" ކަމަށް ޓްރަމްޕް ބުނި ނަމަވެސް އޭނާގެ ގައުމީ ސަލާމަތާ ބެހޭ ސިޔާސަތުން ދޭހަ ވަނީ ހަލާކުވެފައިވާ އީރާން އޮބި އެޅުމަށް އެކިއެކި ޝަރުތުތައް ކުރިމަތިކޮށް އެމެރިކާއިން ބޭނުން ވަނީ އެމެރިކާ އެދޭ މިންވަރަށް އީރާން ބަލިކަށިވެފައި ނުވާތީ އެވެ.









