ހައްޖު މޫސުން ފިޔަވައި އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް އުމްރާކުރެވޭނެ ‘ކުރު އުމްރާ’ ޕެކޭޖު ހައްޖު ކޯޕަރޭޝަނުން ތައާރަފްކޮށްފި އެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ، މި ޕެކޭޖު ތައާރަފްކުރުމުގެ މަގުސަދަކީ އަހަރުގެ ތެރޭގައި ލިބޭ ކުރު ޗުއްޓީއެއް ނުވަތަ އެނޫން ވެސް ދުވަސްވަރެއްގައި އާއިލާއާއެކީ ނުވަތަ ރަހުމަތްތެރިންނާއެކީ ނުވަތަ އެކަނި އުމްރާ ކުރުމަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ތައާރަފުކޮށްފައިވާ ޕެކޭޖެއް ކަމަށެވެ.
އެގޮތުން، އުމްރާ ކުރުމުގައި ދަތުރުކުރާނެ ދުވަސް އިހްތިޔާރުކުރާނީ އެ ބޭފުޅަކު އަމިއްލައަށް ކަމަށާއި، ހައްޖު ކޯޕަރޭޝަނުން އުމްރާ ދަތުރުތައް ކުރާ ދުވަސްތަކާ އެ ދުވަސް ދިމާވާން ނުޖެހޭ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ. އަދިހަމައެހެންމެ، އެ ބޭފުޅަކު ބޭނުން ގޮތަކަށް ދަތުރު ރޭވުމުގެ ފުރުސަތު ވެސް އެ ޕެކޭޖުން ލިބޭނެ އެވެ.
މި ޕެކޭޖުގައި، އުމްރާއަށް ފުރާނެ ދުވަހާއި، އެނބުރި އަންނަން ބޭނުންވާ ދުވަހާއި ބޭނުންވާ ފުލައިޓަކާއި، ހުންނަން ބޭނުންވާ ހޮޓަލާއި، ދަތުރުކުރާނެ އުޅަނދާއި، ޒިޔާރަތްކުރަން ބޭނުންވާ ތަންތަން އިހްތިޔާރުކުރާނީ އުމްރާ ކުރައްވާ ބޭފުޅެއް ކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.
ހައްޖު ކޯޕަރޭޝަނުން އަލަށް ތައާރަފްކުރި ކުރު އުމްރާގެ ހާއްސަ ބައެއް ކަންކަން:
- ވިޔަފާރި ދަތުރުތައް ކުރައްވާ ފަރާތްތަކަށް ހާއްސަ: އުމްރާގެ އަޅުކަމަށް ފަހު ދުބާއީ ފަދަ ގައުމަކަށް ވިޔަފާރިކޮށްލަން ދާން ވިސާ ވެސް މި ޕެކޭޖުގެ ދަށުން ހަމަޖައްސައިދެވޭނެ
- ފަސޭހަ ފްލައިޓެއްގައި ހިތްހަމަޖެހުމާއެކު ދަތުރުކޮށްލުން: އުމްރާއަށް ދިޔުމަށް ދަތުރުކުރާނެ ފްލައިޓާއި، ފްލައިޓުގައި ދަތުރުކުރާނެ ކްލާސް އިހްތިޔާރުކުރުމުގެ ފުރުސަތުދެވޭނެ
- ހުންނާނެ ތަން އިހްތިޔާރުކުރުން: އުމްރާގެ އަޅުކަން އަދާކުރަން ސައުދީގައި ހުންނާނެ ހޮޓަލެއް އަމިއްލައަށް އިހްތިޔާރުކުރެވޭނެ
- ދަތުރުފަތުރުކުރުމުގެ ލުއިފަސޭހަކަން: ފުދުންތެރިކަމާ އެކަށީގެންވާ ރޭޓެއްގެ އުޅަނދުތަކެއްގައި ސައުދީގައި ދަތުރުކުރުމުގެ އިންތިޒާމުތައް ހަމަޖައްސައިދޭނެ
- އެކަނި އުމްރާ ކުރުމާއި، އާއިލާއާއި ކުދި ގްރޫޕްތަކުގެ އުމްރާ: އުމްރާ ކުރަން ބޭނުންވާ ފަރާތްތަކުން ބޭނުންވާ ގޮތްގޮތަށް ދަތުރުގެ އިންތިޒާމުތައް ހަމަޖައްސައިދޭނެ
- ތަންތަން ބަލައިލަން ކުރާ ޒިޔާރްތައް: އެންމެ ބަލައިލަން ބޭނުންވާ، ނުވަތަ އެ ތަނަކަށް ޒިޔާރަތްކޮށްލަން ބޭނުންވާ ހާއްސަ ތަނެއް ވާނަމަ އެފަދަ ތަނަކަށް އެ މީހަކަށް އެންމެ ފަސޭހަ ގަޑިތަކެއްގައި ހަމަޖައްސައިދޭނެ
- އެކަނި، އަމިއްލައަށް އުޅެވޭގޮތަށް: ގުރޫޕުތަކާ ނުގުޅި، އެ މީހަކު ބޭނުން ގަޑިއެއްގައި ފަސޭހަ ގޮތަކަށް އުމްރާގެ އިންތިޒާމުތައް ހަމަޖައްސައިދޭނެ
- އަގު އަދާކުރުމުގައި ފަސޭހަކަން: އުމްރާ ދަތުރުގައި އެ މީހަކު އިހްތިޔާރުކުރާ ކަމަކަށް ފައިސާ ދެއްކުމުގެ ފުރުސަތު އޮންނާނެ
މީގެ އިތުރުން، އުމްރާއަށް ދާން ގަސްތުކުރާ ހިސާބުން ފެށިގެން ދަތުރުގެ ފެށުމާ ހަމައަށް ހުރިހާ އިރުޝާދެއް ހައްޖު ކޯޕަރޭޝަނުން ދޭނެ ކަމަށާއި، އޮޅުންފިލުވަން ބޭނުންވާ ކަންކަން އޮޅުންފިލުވައިދީ، ދަތުރާ ގުޅޭ ފަންނީ ތަޖުރިބާއާއި، އެހީތެރިކަމާ ލަފާ ދޭނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.










