ދެކުނު އޭޝިއާގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) އަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ. މިއީ މި އެވޯޑު ބާއްވާ 10 ވަނަ އަހަރު ކަމަށްވާއިރު، މިއަހަރުގެ އެވޯޑު ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގަ އެވެ.
ސަޓާ އެވޯޑަށް ކުރިމަތިލުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އަންނަ އެޕްރީލް މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އެވޯޑަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ ސަޓާގެ ރަސްމީ ވެބްސައިޓު މެދުވެރިކޮށެވެ.
މި އަހަރު ބާއްވާ 10 ވަނަ ސަޓާ އެވޯޑާއެކު ދާއިރާއަށް މުހިންމު ދެ ކެޓަގަރީއެއް އަލަށް ތައާރަފުކުރުމަށް ވަނީ ނިންމާފަ އެވެ. އެއީ އެންމެ މޮޅު ޝެފްގެ ކެޓަގަރީއާއި އެންމެ މޮޅު ޒުވާން ހޮޓެލިއާގެ ކެޓަގަރީ އެވެ. ޒުވާން ހޮޓެލިއާގެ ކެޓަގަރީއަށް ކުރިމަތިލުމުގެ ޝަރުތަކީ 40 އަހަރު ފުރިފައިނުވުމެވެ.
ސަޓާ އެވޯޑަކީ މުޅި ދެކުނު އޭޝިއާ ސަރަހައްދުގައި ދޭ އެންމެ ޝަރަފްވެރި އެއް ޓްރެވަލް އެވޯޑެވެ. މި އެވޯޑަށް ސަރަހައްދުގެ ފަތުރުވެރިކަމާ ބެހޭ މައި 15 އިދާރާއަކުން އިތުބާރުކުރެ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާއި، ޓްރެވަލް އޭޖެންޓުންގެ އެސޯސިއޭޝަން (އާޓާ) އަދި ބޯޓިން އެސޯސިއޭޝަންގެ އިތުރުން ސްރީލަންކާގެ ހޮޓެލްތަކުގެ އެސޯސިއޭޝަން ހިމެނެ އެވެ.
އެކި ކެޓަގަރީތަކުން އެވޯޑުތައް ހޮވާނީ ޓްރެވަލް ދާއިރާގެ މާހިރުންނާއި ތަޖުރިބާކާރު ފަނޑިޔާރުންގެ ޕެނަލަކުން ކުރިއަށްގެންދާ ފުރިހަމަ އިވެލުއޭޝަނަކަށް ފަހުގަ އެވެ. ވޭތުވެދިޔަ އަހަރުތަކުގައި މި އެވޯޑު ހަފުލާ ވަނީ ރާއްޖެ، ސްރީލަންކާ، އިންޑިއާ އަދި ނޭޕާލް ފަދަ ގައުމުތަކުގައި ބާއްވާފަ އެވެ.
2016 ވަނަ އަހަރު އިފްތިތާހުކުރި ސަޓާ އެވޯޑް ދިނުމުގެ މައިގަނޑު މަގުސަދަކީ ދެކުނު އޭޝިއާގެ އެންމެ މޮޅު މެހެމާންދާރީގެ އަގު ވަޒަންކުރުމެވެ. މި ހަފުލާއަކީ ބޭރުގެ އެކި މީޑިއާތަކާއި ޓްރެވަލް ދާއިރާގެ އިސްވެރިންގެ ބޮޑު ސަމާލުކަމެއް ލިބޭ ބައިނަލްއަގުވާމީ ފެންވަރުގެ ހަރަކާތެކެވެ.










