އެމެރިކާގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި ޑިމޮކްރެޓިކް ޕާޓީގެ ކޮންގްރެސް މެންބަރު އިލްހާން އުމަރަށް ހަމަލާ ދީފި އެވެ.
ގަބަރު ލިބިފައިވާ ގޮތުގައި އެމެރިކާގެ މިނިސޯޓާގެ މިނިއަޕޮލިސްގައި ބޭއްވި ޓައުން ހޯލް ބައްދަލުވުމެއްގައި ތަގުރީރު ކުރައްވަމުން ގެންދަވަނިކޮށް މުސްލިމް ކޮންގްރެސް މެންބަރު އިލްހާނަށް އަމާޒުކޮށް ހަމަލާ ދީފައި ވަނީ ނުބައިވަސް ދުވާ ކޮންމެވެސް އެއްޗަކުންނެވެ.
ކޮންގްރެސްގެ އަންހެން މެންބަރު އިލްހާނަކީ ރައީސް ޓްރަމްޕަށާއި އޭނާގެ ސިޔާސަތަށް ވަރަށް ގިނައިން ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވާ ބޭކަނބަލެކެވެ. އަލްހާނަށް ހަމަލާދިން ދޮން ނަސްލުގެ މީހާއަކީ ޓްރަމްޕަށް ތާއިދުކުރާ މީހެކެވެ.
އިލްހާން އުމަރަށް ދިން ހަމަލާގައި އޭނާއަށް އަނިޔާއެއް ނުވެ އެވެ. ސަލާމަތީ ކަންތައް ބަލަހައްޓާ މީހުން ވަގުތުން އެމީހާ ހައްޔަރުކުރި އެވެ.
އެ ހަމަލާގެ ކުރިން އެމެރިކާގެ ކޮންގްރެސް މެމްބަރުން ބާރުއަޅުއްވަމުން ގެންދެވީ ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ ކްރިސްޓިން ނޯއެމް އިސްތިއުފާ ދެއްވުމަށެވެ. ނޫންނަމަ މަގާމުން ވަކިކުރެއްވުމަށެވެ.
އެމެރިކާގެ މީޑިއާތަކުން ބުނާ ގޮތުގައި ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ ކްރިސްޓިން ނޯއެމް އާއި ރައީސް ޓްރަމްޕްގެ އެޑްވައިޒަރު ސްޓީވަން މިލާގެ މައްޗަށް އޮޅުވާލައިގެން މައުލޫމާތު ފެތުރިކަމުގެ ބޮޑު ތުހުމަތެއް ވަނީ ކުރެވިފަ އެވެ.
މިދުވަސްވަރަކީ ރައީސް ޓްރަމްޕުގެ ހާރިޖީ އަދި ދާހިލީ ސިޔާސަތަށް ވަރަށް ބޮޑަށް އެމެރިކާ އާއި އެހެން ގައުމުތަކުގައި ފާޑުކިޔަމުންދާ ދުވަސްވަރެކެވެ.
އިލްހާން އުމަރުގެ މައިންބަފައިންނަކީ ސޯމާލިއާއަށް ނިސްބަތްވާ ބައެކެވެ.









