މި އަހަރުގެ އޭޕްރީލް 17 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީއަށް ގެނައި ބަދަލުތައް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ، މި މަހުގެ ހަތްވަނަ ދުވަހު، ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި ވޯޓާސް ލިސްޓަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ގެނެވުނު ބަދަލުތައް މިހާރު އާންމުކޮށްފައިވާ ކަމަށެވެ.
އީސީން ކުރި އިއުލާނުގައި ބުނީ، މި އިސްލާހު ކުރެވުނު ރަޖިސްޓަރީ ސަރުކާރުގެ ގެޒެޓުގެ އިތުރުން، އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި، މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލް އިދާރާތަކުން މިހާރު އާންމުކޮށް ފެންނަން ހުންނާނެ ކަމަށެވެ.
މީގެ އިތުރުން، ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގައި އެމީހެއްގެ ނަން އޮތްތޯ ބެލުމަށްޓަކައި މީގެ އިތުރުން (VR space IDNO Send to 1414) އަށް އެސްއެމްއެސް ކޮށްގެން ޗެކްކުރެވޭނެ އެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ އަށްވަނަ ދުވަހުގެ މެންދުރުފަހު 3:00 ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.
ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ޝަކުވާ ހުށަހަޅަންޖެހޭނީ އޮންލައިންކޮށް އިލެކްޝަންސް ކޮމިޝަނުގެ "މައިޕޯޓަލް" މެދުވެރިކޮށެވެ. އަދި ރަޖިސްޓަރީގައިވާ މައުލޫމާތަކަށް ބަދަލު ގެނައުމަށް އެދި ހުށަހަޅާއިރު، އެ ޝަކުވާއެއްގެ ސައްހަކަން ސާބިތުކޮށްދޭނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަންޖެހޭނެ ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.









