ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅި ކެންޑިޑޭޓުންގެ ތެރެއިން 1،857 މީހެއްގެ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިގަނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އިންތިހާބަށް ހުޅުވާލި ފުރަތަމަ 10 ދުވަހުގެ ތެރޭގައި ޖުމްލަ 2،254 ފޯމު ވަނީ ހުށަހަޅާފަ އެވެ. މީގެ ތެރޭގައި ހިމެނެނީ ކައުންސިލްތަކަށް ވާދަކުރުމަށް ހުށަހެޅި 1,276 ފޯމާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރުމަށް ހުށަހެޅި 978 ފޯމެވެ.
ކައުންސިލްތަކުގެ އިންތިހާބަށް ސިޔާސީ ޕާޓީތަކުން ހުށަހެޅި 994 ފޯމުގެ ތެރެއިން 852 ފޯމެއް ވަނީ ސައްހަ ކަމަށް ކަނޑައަޅާފަ އެވެ. ޝަރުތު ހަމަނުވާ ކަމަށް ނިންމި 142 ފޯމުގެ ތެރެއިން 84 ފަރާތަކުން ވަނީ އިސްލާހުތަކާއެކު އަލުން ފޯމު ހުށަހަޅާފަ އެވެ. އަދި އަމިއްލަ ގޮތުން ވާދަކުރަން ހުށަހެޅި 282 މީހުންގެ ތެރެއިން 188 މީހެއްގެ ޝަރުތު ފުރިހަމަވާއިރު، ޝަރުތު ހަމަނުވި 94 މީހުންގެ ތެރެއިން 49 މީހަކު ވަނީ އަލުން ފޯމު ހުށަހަޅާފަ އެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ބަލާއިރު، ސިޔާސީ ޕާޓީތަކުން ހުށަހެޅި 795 ފޯމުގެ ތެރެއިން 692 ފޯމެއް ވަނީ ބަލައިގެންފަ އެވެ. ޝަރުތު ހަމަނުވި 103 މީހުންގެ ތެރެއިން 54 މީހަކު އަލުން ފޯމު ހުށަހަޅާފައިވާއިރު، އަމިއްލަ ގޮތުން ވާދަކުރަން ހުށަހެޅި 183 މީހުންގެ ތެރެއިން 125 މީހެއްގެ ކެންޑިޑެސީ ވަނީ ޤަބޫލުކޮށްފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރިގޮތުގައި، ކެންޑިޑެސީ ޤަބޫލުނުކުރަން ނިންމި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ކުށާއި ދަރަނީގެ ރެކޯޑުތައް ފުރިހަމައަށް ހުށަނޭޅުމާއި، ކަރެކްޝަނަލް ސަރވިސްއިން ދޫކުރާ ކުށުގެ ރެކޯޑު ފޯމުތައް މަދުވުން ހިމެނެ އެވެ.
މި އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ މައި ޕޯޓަލް މެދުވެރިކޮށެވެ. އަދި ސިޔާސީ ޕާޓީތަކަށް ހާއްސަ ކުރެވިފައިވާ "ސިމެދަ" ޕޯޓަލް މެދުވެރިކޮށް ވެސް ކެންޑިޑޭޓުންގެ ފޯމު ހުށަހެޅުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ. އިންތިހާބާ ގުޅޭ މަސައްކަތްތައް ކުރިއަށްދާއިރު، ސަރުކާރާއި ދައުލަތުގެ އިސްވެރިންގެ ފުރިހަމަ އެއްބާރުލުން މި މިނިވަން އިންތިހާބަށް ލިބެމުންދާކަން ކޮމިޝަނުން ފާހަގަކުރި އެވެ.









