ދުނިޔޭގެ ބާޒާރުގައި ރަނުގެ އަގު ތާރީހީ މިންވަރަކަށް އުފުލި، ފުރަތަމަ ފަހަރަށް 5،000 ޑޮލަރަށްވުރެ މައްޗަށް އަރައިފި އެވެ.
މިއަދުގެ މާކެޓް ރޭޓްތަކަށް ބަލާއިރު، ރަނުގެ އަގު ހުރީ އައުންސަކަށް 5,074.44 އާއި 5,100.90 ޑޮލަރާ ދެމެދުގެ އަގުތަކެއްގަ އެވެ.
ރަނުގެ އަގު މިހާ ބޮޑަށް އުފުލެން ދިމާވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި މެދުއިރުމަތީގެ އިތުރުވަމުންދާ ނުތަނަވަސްކަމާއި، ބައިނަލްއަގުވާމީ ސިޔާސީ މަސްރަހަށް އަންނަ ބަދަލުތައް ހިމެނެ އެވެ. ހާއްސަކޮށް، ގައުމުތަކަށް ޓެރިފް ކުރިމަތިކުރާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ދޭ އިންޒާރުތަކުގެ ސަބަބުން އިންވެސްޓަރުންގެ މެދުގައި ބޮޑު ނުތަނަވަސްކަމެއް އުފެދި، ރައްކާތެރި އިންވެސްޓްމަންޓެއްގެ ގޮތުގައި ރަނަށް އޮތް ޝައުގުވެރިކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
މީގެ އިތުރުން، ޗައިނާ އާއި އިންޑިއާ ފަދަ ބޮޑެތި އިގްތިސާދުތަކުގެ ސެންޓްރަލް ބޭންކުތަކުން ދަނީ އެމެރިކާ ޑޮލަރަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށްޓަކައި އެ ގައުމުތަކުގެ ރަނުގެ ރިޒާވް ވަރުގަދަކުރަމުންނެވެ. މިގޮތަށް ސެންޓްރަލް ބޭންކުތަކުން ރަން ގަންނަ މިންވަރު އިތުރުވުމުން، ދުނިޔޭގެ ބާޒާރުގައި ރަން ލިބެން ހުންނަ މިންވަރު މަދުވެ، ޑިމާންޑު އުފުލުމުގެ ސަބަބުން އަގަށް ބޮޑު އަސަރެއް ކުރެ އެވެ.
އެމެރިކާ ޑޮލަރުގެ އަގު ދަށްވުމަކީ ވެސް ރަނުގެ އަގު އުފުލުމަށް މަގުފަހިވާ ކަމެކެވެ. ޑޮލަރުގެ އަގު ދަށްވުމުން އެހެން ފައިސާ ބޭނުންކުރާ ގައުމުތަކަށް ރަން ގަތުމުގެ އަގު ހެޔޮވެ، އިންވެސްޓަރުން ރަނަށް ކުރާ ޑިމާންޑު އިތުރުވެ އެވެ. އިންފްލޭޝަނާއި ދުނިޔޭގެ އިގްތިސާދުގެ ދުޅަހެޔޮކަމާ މެދު އޮތް ކަންބޮޑުވުންތަކުގެ ސަބަބުން، ގިނަ ބަޔަކު ދެކެނީ ރަނަކީ އަގު ހިފެހެއްޓޭނެ އެންމެ ރައްކާތެރި ވަސީލަތް ކަމަށެވެ.
ރާއްޖޭގެ ބާޒާރަށް ބަލާއިރު، ދިވެހި ރުފިޔާ އާއި ޑޮލަރާ ދެމެދު އޮންނަ އެކްސްޗޭންޖް ރޭޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ރަނުގެ އަގަށް ބޮޑެތި އަސަރުތަކެއް ކުރެ އެވެ. މިވަގުތު ރާއްޖޭގެ ބާޒާރުގައި ރަން ގްރާމެއްގެ އަގު ހުރީ 2,529.11 ރުފިޔާގަ އެވެ. ދުނިޔޭގެ ބާޒާރުގައި އަގުތައް އުފުލެމުންދާ ނަމަ، ރާއްޖޭގައި ވެސް ރަނުގެ އަގުތައް މައްޗަށް ދިއުމުގެ ފުރުސަތު ބޮޑެވެ.
އިގްތިސާދީ މާހިރުން ލަފާކުރާ ގޮތުގައި، މި އަހަރުގެ ނިޔަލަށް ރަނުގެ އަގު އައުންސަކަށް 5,400 އާއި 6,000 ޑޮލަރާ ދެމެދުގެ މިންވަރަކަށް އުފުލިގެންދާނެ އެވެ.










