ދެ ދަރިވަރަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މ. އަތޮޅު މަދަރުސާގެ ކުރީގެ ހެލްތު އެންޑް ފިޒިކަލް އެޑިއުކޭޝަން ޓީޗަރު ޝުއައިބު އަބްދުﷲ ގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ފަސް ދައުވާއެއް އުފުލައިފި އެވެ. 

ޕީޖީ އޮފީހުން ބުނީ ޝުއިއިބުގެ މައްޗަށް ދައުވާ ކުރަނީ މ. އަތޮޅު މަދަރުސާގައި އޭނާ ކިޔަވައިދޭ ދެ ކުއްޖެއް ގައިގާ ޖިންސީ ނިޔަތެއް އޮވެގެން އަތްލާފައިވާތީއާއި އެކުދިންނަށް އޮރިޔާން މަންޒަރު ހިމެނޭ ވީޑިއޯ ދައްކާފައިވާތީ ކަމަށެވެ.

ޝުއައިބުގެ މައްޗަށް އުފުލާފައިވާ ދައުވާތައް:

  1. އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގުމުގެ 2 ދައުވާ
  2. އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލެއް ބެލުވުމުގެ 2 ދައުވާ
  3. ދިވެހިރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ

ފީޖީން ބުނީ މި ދައުވާތައް ސާބިތުވެއްޖެނަމަ، ޝުއައިބުގެ މައްޗަށް މަދުވެގެން 60 އަހަރާއި އެއް މަހާއި ހަ ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެ ކަމަށެވެ.