ހިޔާގެ 8 ޓަވަރަކަށް އިތުރުކުރި ޖާގަ ތަނަވަސް ލިފްޓުތައް ބޭނުންކުރަން ފަށައިފި

މުހައްމަދު ޖަމްޝަތު | 1 ގަޑިއިރު ކުރިން - 25 ޖެނުއަރީ 2026 21:46
ހިޔާ 2ވަނަ ޓަވަރަށް އިތުރުކުރި ލިފްޓުތައް---
ހިޔާ 2ވަނަ ޓަވަރަށް އިތުރުކުރި ލިފްޓުތައް---
ޚުލާސާ

މި ލިފްޓުތަކަކީ ސްޓްރެޗާ އުފުލޭ ވަރުގެ ޖާގަ ތަނަވަސް ލިފްޓު. ކޮންމެ ލިފްޓަކަށް އެއްފަހަރާ 21 މީހުންނަށް އެރޭނެ

ހިޔާ ފްލެޓްތަކުގެ ޓަވަރުތަކުގައި އިތުރު ލިފްޓްތައް ހަރުކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން މިހާތަނަށް އަށް ޓަވަރެއްގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް ނިންމައި އާންމުންނަށް ހުޅުވާލާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފި އެވެ.

އެޗްޑީސީން މިއަދު ބުނީ އެޗް1 އިން ފެށިގެން އެޗް8 އާ ހަމަޔަށް ހުރިހާ ޓަވަރަކަށް އިތުރުކުރި ލިފްޓުތައް މިހާރު އާއްމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލާފައިވާ ކަމަށެވެ. މިއިން ކޮންމެ ޓަވަރަކަށް ޖާގަ ތަނަވަސް ދެ ލިފްޓު ވަނީ އިތުރުކޮށްފަ އެވެ.

ހިޔާ ޓަވަރުތަކަށް ލިފްޓު އިތުރުކުރުމުގެ މަޝްރޫއުގެ އަޕްޑޭޓް ދެމުން އެޗްޑީސީން ބުނީ އެ މަޝްރޫއުގެ ޑިޒައިން އަދި ސިވިލް މަސައްކަތުގެ 100 ޕަސަންޓް ނިމިފައިވާ ކަމަށެވެ. އަދި ލިފްޓުގެ ސްޓްރަކްޗާ ބެހެއްޓުމުގެ މަސައްކަތުގެ ވެސް 100 ޕަސަންޓް ނިމިފައިވާ ކަމަށެވެ.

އެޗްޑީސީން ބުނި ގޮތުގައި ލިފްޓް ހަރުކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު ވަނީ ލިބިފަ އެވެ. އަދި ހުރިހާ ޓަވަރެއްގައި ލިފްޓު ހަރުކުރުމުގެ 86 ޕަސެންޓް ނިމިފައިވާއިރު މުޅި މަޝްރޫއުގެ 89 ޕަސަންޓް ނިމިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

އެގޮތުން އެޗް14 އާއި އެޗް15 އަދި އެޗް16 ގައި މިވަގުތު ކުރިއަށް ދަނީ ލިފްޓް ހަރުކުރުމުގެ މަސައްކަތްތައް ކަމަށާއި އެޗް9 އަކާއި އެޗް10 އަދި އެޗް11 އާއި އެޗް12 ގައި ކުރިއަށް ދަނީ ކްލޭޑިން އާއި ފްރޭމް ހަރުކުރުމުގެ މަސައްކަތްތައް ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ. އަދި އެޗް11 އާއި އެޗް12 ގައި ފްރޭމް ފެބްރިކޭޝަންގެ މަސައްކަތްތައް ކުރިއަށްދާއިރު އެޗް16 ގައި ޕްލެޓްފޯމްގެ މަސައްކަތްތައްވެސް ކުރިއަށްދާ ކަމަށް ވަނީ ބުނެފަ އެވެ.

ހިޔާ ފްލެޓުތަކުގައި އަލަށް ހަރުކުރާ ލިފްޓުތަކަކީ ސްޓްރެޗާ އުފުލޭ ވަރުގެ ބޮޑެތި ލިފްޓުތަކެކެވެ. އަދި އެ ލިފްޓުތަކަށް އެއްފަހަރާ 21 މީހުންނަށް އެރޭނެ އެވެ. ހިޔާ ފްލެޓުތަކަށް ޖާގަ ތަނަވަސް ލިފްޓުތައް އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%