އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިޔާއިން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އަހަރުގެ މިހާތަނަށް ޖުމްލަ 170،709 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ. ނިމިދިޔަ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ، 160،224 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ 6.5 އިންސައްތައިގެ ކުރިއެރުމެކެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ގައުމުތަކުގެ ތެރޭގައި ރަޝިއާ، އިޓަލީ ވިލާތް، އިނގިރޭސި ވިލާތް، ޗައިނާ އަދި ޖަރުމަނު ވިލާތް ހިމެނެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިޔާއިންނެވެ. އެގޮތުން ރަޝިޔާއިން އަހަރުގެ މިހާތަނަށް ޖުމްލަ 23،943 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ލިސްޓުގެ ދެވަނާގައި އޮތް އިޓަލީ ވިލާތުން 18،256 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. އިނގިރޭސި ވިލާތުން 15،232 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ޗައިނާއިން 13،889 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފަ އެވެ.
ދެން އެންމެ ގިނައިން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި ގައުމުތަކަކީ:
- ޖަރުމަނު ވިލާތް: 10،632 ފަތުރުވެރިން
- އިންޑިއާ: 6،487 ފަތުރުވެރިން
- ފަރަންސޭސި ވިލާތް: 5،719 ފަތުރުވެރިން
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 7,113 ފަތުރުވެރިން ޒިޔާރަތްކުރެ އެވެ. ނިމިދިޔަ 2025 ވަނަ އަހަރު 2.2 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ. އެހެންކަމުން މި އަހަރު މި އަދަދު ދެ ގުނަ އިތުރުވާނެ ކަމަށް ބެލެވެ އެވެ.





