ފޯޅަވަހި ރާއްޖެއަށް ލިބުމުގެ ފުރުސަތު އަދިވެސް އެބައޮތް: ނަޝީދު

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 1 ގަޑިއިރު ކުރިން - 25 ޖެނުއަރީ 2026 11:34
ކުރީގެ ރައީސް މުހައްމަދު ނަޝީދު---
ކުރީގެ ރައީސް މުހައްމަދު ނަޝީދު---
ޚުލާސާ

މޮރިޝަސްއަށްވުރެ ބޮޑަށް ފޯޅަވަހީގެ ބެލެނިވެރިކަމަށް ރާއްޖެއަށް ދައުވާ ކުރެވޭނެ ކަމަށް ނަޝީދު ކުރެއްވި ޕޯސްޓުގައި ވަނީ ވިދާޅުވެފަ

ފޯޅަވަހީގެ ސިޔާދަތީ ބެލެނިވެރިކަން ދިވެހިރާއްޖެއަށް ލިބުމުގެ ފުރުސަތު އަދިވެސް ގެއްލިގެން ނުދާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މި މޭރުމުން ވިދާޅުވީ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ. ނަޝީދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ފޯޅަވަހި ހިމެނޭ ޗާގޯސް ޖަޒީރާތައް މޮރިޝަސްއަށް ދިނުމުގެ ބިލު، އިނގިރޭސި މަތިގެ (ހައުސް އޮފް ލޯޑްސް)ގެ ވޯޓަށް ތައްޔާރުވެފައި ވަނިކޮށް، ބިލަށް ވޯޓު ދިނުން ފަސްކޮށްފައިވުމުގެ ސަބަބުން ފޯޅަވަހީގެ ސިޔާދަތީ ބެލެނިވެރިކަން ދިވެހިރާއްޖެއަށް ލިބުމުގެ ފުރުސަތު އަދިވެސް ގެއްލިގެން ނުދާ ކަމަށެވެ.

މިކަމާ ގުޅުވައި ނަޝީދު އެކްސްގައި ހިއްސާކުރެއްވި އެހެން ޕޯސްޓެއްގައި ވިދާޅުވީ އިނގިރޭސި ސަރުކާރުން މޮރިޝަސްއަށް ޗާގޯސް ހަވާލުކުރުން މަޑުޖައްސާލުމަކީ، ފޯޅަވަހި ހޯދުމަށް ދިވެހިރާއްޖެއަށް ލިބިގެންދާނެ ފުރުސަތެއް ކަމަށެވެ. ނަޝީދު ވިދާޅުވީ، މޮރިޝަސްއަށްވުރެ ބޮޑަށް ފޯޅަވަހީގެ ބެލެނިވެރިކަމަށް ރާއްޖެއަށް ދައުވާ ކުރެވޭނެ ކަމަށެވެ. ސަބަބަކީ ފޯޅަވައްސާއި ރާއްޖެއާ ދެމެދު ތާރީހީ ބޮޑު ގުޅުމެއް އޮވެ، ދިވެހި ބަހުން ލިޔެފައިވާ އިހުގެ މަހާނަގާތަކެއް ފޯޅަވަހިން ފެނިފައިވާތީ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ނަޝީދު މި މޭރުމުން ވިދާޅުވެފައިވާއިރު، އިނގިރޭސިވިލާތުގެ "އެކްސްޕްރެސް" ނޫހަށް ދެއްވި ބަސްދީގަތުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ، ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަށް އޮތުމުގެ ހައްގު މާ ބޮޑު ކަމަށް ވިދާޅުވެފަ އެވެ. މީގެ އިތުރުން، މިދިޔަ ސަރުކާރުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށާއި އެކަމުގައި ރައްޔިތުންގެ ބަހެއް ވެސް ހޯދާފައިނުވާކަން ރައީސް ފާހަގަކުރެއްވި އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%