ރާއްޖެއާއި ފޯޅަވައްސާއި (ޗާގޯސް) ދެމެދު ކަނޑުގެ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ އިންތައް ކަނޑައެޅުމަށް މޮރިޝަސްއިން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގައި ދިވެހިރާއްޖެއަށް ލިބުނު ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކާ ގުޅިގެން، އެ މައްސަލާގައި ރާއްޖެއިން އަމަލުކުރިގޮތް ބަލައި ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހާއްސަ ކޮމިޝަނެއް އުފައްދަވައިފިއެވެ.
ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) ގެ ދަށުން އުފެއްދެވި "އިޓްލޮސްގެ ކޭސް ނަންބަރު 28 ގައި ދިވެހިރާއްޖެއިން އަމަލުކުރި ގޮތް ތަހުގީގުކުރުމަށް އުފައްދާ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ކޮމިޝަން" ގެ ނަމުގައި އުފެއްދި މި ކޮމިޝަނަކީ މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިއުލާނުކުރެއްވި ކަމެކެވެ. މިއީ ބައިނަލްއަގްވާމީ ހަބީރުންގެ ރިޕޯޓުތަކުން ރާއްޖޭގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިގެންދިޔައީ އޭރު އަމަލުކުރެވުނުގޮތުން ކަމަށް ބުނެފައިވާތީ، މިކަމުގައި ގާނޫނީ އިހުމާލެއް އޮތްތޯ ބަލައި ފިޔަވަޅުއެޅުމުގެ މަގްސަދުގައި އުފެއްދި ކޮމިޝަނެކެވެ.
މި ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި އައްޔަނުކުރައްވާފައިވަނީ ކޮމިޝަނުގެ ރައީސްކަމަށް ހަމަޖެއްސެވި އަލްއުސްތާޛު އަހްމަދު ޝާކިރު ގެ އިތުރުން، އަލްފާޟިލް އަބްދުލްއަޒީޒް ޔޫސުފާއި، ޑރ. އާމިނަތު ޝާފިޔާ އާދަމާއި، ޑރ. އަބްދުލްމުހްސިން މުހައްމަދާއި، ޑެޕިޔުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރޓޑ) މުހައްމަދު ސާދިގާއި، އަލްފާޟިލް އަހްމަދު އަލީމަނިކު އަދި އަލްއުސްތާޛާ ފާތިމަތު މިންހަތު އިއްޒަތެވެ.
ކޮމިޝަނުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ މައްސަލަ ހުށަހެޅުމާއި، ޖަވާބުދާރީވުމުގައި އަދި މައްސަލައާ ގުޅުންހުރި ކަންކަމުގައި ދައުލަތުގެ މުވައްޒަފުންނާއި، ލަފާދިން ފަރާތްތަކާއި މަސްއޫލުވެރިން އަމަލުކޮށްފައިވާގޮތް ބަލައި ތަހުގީގުކުރުމާއި، މިކަމުގައި ކަމާބެހޭ ފަރާތްތަކުގެ ގާނޫނީ އިހުމާލެއް އޮތްތޯ ބަލައި އެ އިހުމާލުގެ އިންތައް ކަނޑައެޅުމެވެ. އަދި މައްސަލައާ ގުޅޭ ލިޔެކިޔުންތައް ބަލަހައްޓާފައިވާގޮތް ތަހުގީގުކޮށް، ޒިންމާކުރުވަންޖެހޭ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް ކަނޑައެޅުމާއި، މުސްތަގުބަލުގައި މިފަދަ ކަންކަން ތަކުރާރުނުވާނެގޮތަށް ކަންކަން އިންތިޒާމުކުރުމަށް ލަފާދިނުންވެސް މި ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ.
މި ކޮމިޝަން ދެމިއޮންނާނީ ކޮމިޝަނަށް މަތިކޮށްފައިވާ މަސައްކަތްތައް ފުރިހަމަވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަންދެނެވެ.




